ލ. އިސްދޫ ކަލައިދޫ ފަޅުތެރެއިން، 10 ފޫޓުގެ ކިނބުލެއް ފެނިއްޖެ އެވެ.

އިސްދޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ލުތުފީ 'ސަން' އަށް ވިދާޅުވީ، މިއަދު ހެނދުނު އަތޮޅު ފެރީގައި ތިބި ބަޔަކަށް މޫދުން ކިނބޫ ފެނިފައި ވާ ކަމަށެވެ. އަދި އޭގެ ފަހުން ރަށުގެ ބަޔަކަށް ރަށު ފަޅުތެރޭގައި ކިނބޫ އޮއްވައި ފެނިފައި ވާ ކަމަށާއި އިސްދޫގެ ރައްޔިތުންގެ ބަޔަކު މިހާރު ކިނބޫ ހިފާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ މީގެ ދެ ހަފްތާ ކުރިންވެސް އެރަށު ކައިރީގައި ކިނބުލެއް އުޅޭކަމުގެ ވާހަކަތައް ރަށުތެރޭގައި ދެކެވި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި ކިނބޫ އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އިއްޔެ ފުލުހުން ވެސް އެރަށް ކައިރީ މޫދު ބަލައި ޗެކްކޮށްފައި ވާކަމަށް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ.

ކިނބޫ ހިފުމަށް ފަހު މިހާރު، އިސްދޫ ބަނދަރު ސަރަހައްދުގައި، ބާއްވާފައި އޮތް ކަމަށާއި އެ ކިނބޫ ފުލުހުންނާ ހަވާލުކުރުމަށް، އޭތި ހިފި މީހުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެރަށު ފަޅުތެރެއިން ކިނބޫ ފެނުމުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އެހެންނަމަވެސް މޫދަށް އެރުން މަނާ ނުކުރާ ކަމަށް ލުތުފީ ވިދާޅުވި އެވެ.

އިސްދޫ ފަޅުތެރެއިން ފެނުނު ކިނބޫ ހިފާފައި ވަނީ ވާ ޖަހައިގެންނެވެ.