ޕީޕަލްސް ކަޕްގައި ރޭ މާޒިޔާ ޕީޑީއާރްއެމްއާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ އެއްވަރު ވުމުން، މުބާރާތުގައި އެ ޓީމް ދާން ބޭނުންވި ހިސާބަށް ރޭ ނުދެވުނު ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

ސުޒޭން ބުނީ ރޭ ޕީޑީއާރްއެމްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމްގެ ޓާގެޓަކަށް ވީ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުން ކަމަށާއި، އެ ޓާގެޓް ހާސިލްވެފައި ނުވާ ކަމަށެވެ. ނަމަވެސް މެޗުގެ އޮއިވަރަށް ބަލާއިރު، ޖުމްލަ ގޮތެއްގައި ނަތީޖާއާ މެދު ހިންހަމަ ޖެހޭކަމަށް ސުޒޭން ބުންޏެވެ.

"ޖުމްލަ ގޮތެއްގައި ބުނާނަމަ މާޒިޔާ ދާން ބޭނުންވި ޓާގެޓަކާ ހަމައަށް މި މެޗަކުން ނުދެވުނު. ބޭނުންވީ މި މެޗުން ތިން ޕޮއިންޓް ހޯދަިއިގެން ފައިނަލަށް ދާން. ނަމަވެސް މެޗު ދިޔަ ގޮތަށް ބަލާއިރު މި މެޗުން އެއް ޕޮއިންޓުން ފުއްދާލުން ރަނގަޅު. އެއީ މެޗުގައި ޕީޑީއާރްއެމް ވަރަށް ރަނގަޅަށް ކުޅުނު،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކުޅުމާ މެދު ހިންހަމަ ޖެހޭ ކަމަށެވެ. އަދި މި މުބާރާތައް ފަރިތަކުރަން ލިބުނު ވަގުތާ ބަލާފަ ޕީޑީއާރްއެމްއާ ދެކޮޅަށް ރޭ އެ ޓީމް ނެރުނު ނަތީޖާ ރަނގަޅު ކަމަށާއި، ޕީޑީއާރްއެމް އަކީ ވަރަށް ރަނގަޅު ޕްރީ ސީޒަން ތައްޔަރީ ތަކެއް ވެފައިވާ ޓީމެއްކަން ސުޒޭން ވަނީ ފާހަގަ ކޮށްފައެވެ.

"މެޗުގައި ފެނިގެން ދިޔަ ކުޅުން ރަނގަޅު. ޕީޑީއާރްއެމްއަކީ މި ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ހޮންގްކޮންގް ޓުއާ އެއްވެސް އަޅާފައިވާ ޓީމެއް. މި މުބާރާތައް ތައްޔާރު ވާން މާޒިޔާއަށް ލިބުނު ވަގުތާ އަޅާ ބަލާފަ އެއްޗެއް ބުނާނަމަ، ވޭތުވެދިޔަ 10 ދުވަސް ތެރޭ ތައްޔާރުވާން މާޒިޔާ ކުރި މަސައްކަތް ވަރަށް ރަނގަޅު ކަން މި މެޗުން ފާހަގަ ވެގެން ހިނގައްޖެ،" ސުޒޭން ބުންޏެވެ.

ރޭގެ މެޗުގައި މާޒިޔާގެ ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމަށް މިފަހަރު އަލަށް ގެނައި ބްރެޒިލްގެ ފޯވާޑް ޕަބްލޯ ރޮޑްރިގޭޒް އެވެ. ސުޒޭން ބުނީ އޭނާގެ ކުޅުމާމެދު ވަރަށް ހިންހަމަޖެހޭ ކަމަށާއި، އޭނާގެ އިތުރުން ޓީމްގެ ޑިފެންސް ލައިންގައި މާޒިޔާގެ އަމްދާން (އެންޑީ) ކުރި މަސައްކަތް ފާހަގަ ކުރެވޭ ކަމަށެވެ.

"މީގެ ކުރިންވެސް ބުނިފަދައިން ޕަބްލޯ އަކީ މި ފަހަކަށް އައިސް ރާއްޖެ އައި އެންމެ މޮޅު އެއް ބިދޭސީ ކުޅުންތެރިޔާ. މިރޭ އޭނަ ކާމިޔާބު ކުރި ދެ ލަނޑުންވެސް އެކަން ދައްކުވައިދީފި. އަދި ޓީމްގެ ޑިފެންސް ލައިންގައި އަޝްފާގު ހިފައްޓާލަން އެންޑީ ކުރި މަސައްކަތް ފާހަގަ ކުރެވޭ. ހަގީގަތުގައި އަޝްފާގު ފަދަ ކުޅުންތެރިއެއް މާކް ކޮށްގެން ކުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. ނަމަވެސް މި މެޗުގައި އެންޑީ އަކީ ރަނގަޅު ސެންޓްރަލް ޑިފެންޑަރެއްކަން އޭނާ ސާބިތު ކޮށްދީފި،" ސުޒޭން ރޭ ބުންޏެވެ.

އޭގެ އިތުރުން މާޒިޔާ ކޮޅަށް ވަން ދެ ލަނޑުން، ކީޕަރު އިމްރާން އާއި ޓީމްގެ ޑިފެންސް ލައިނާ ދެމެދު ކޮމިއުނިކޭޝަން މައްސަލަތަކެއް އުޅޭ ކަން ފާހާގަ ކުރެވޭކަމަށް ސުޒޭން ބުންޏެވެ. އަދި އިމްރާނަކީ ޓީމަށް އާ ކުޅުންތެރިއަކަށް ވުމުން، އެކަން ހައްލު ކުރަން ދުވަސް ކޮޅެއް ނަގާނެ ކަންވެސް ސުޒޭން ވަނީ ފާހަގަ ކޮށްފައެވެ.

ޕީޑީއާރްއެމްއާ ދެކޮޅަށް ރޭ މާޒިޔާ ކުޅުނު މެޗު އެއްވަރު ވުމުން، އެ ޓީމް މިހާރު ވަނީ މުބާރާތުގައި ޖުމްލަ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ދެވަނަ މަގާމު ހޯދާފައެވެ. އަދި ޕީޑީއާރްއެމްއަށްވެސް މުބާރާތުގައި މިހާތަނަށް ހަތަރު ޕޮއިންޓު ލިބިފައި ވާއިރު، މާޒިޔާ ތާވަލްގެ ދެވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.