ޖުމްހޫރީ މައިދާން މަރާމާތުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރަން ފަށައިފި އެވެ.

"ސަން" އާ ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ޖުމްހޫރީ މައިދާނަކީ ވެރިރަށް މާލޭގެ މޫނު މަތި ކަމަށެވެ. އެހެންކަމުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން މުޅި ޖުމްހޫރީ މައިދާން އެއްކޮށް މަރާމާތު ކުރަން ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މާލެ ސިޓީ ކައުންސިލަށް އެތަން މަރާމާތު ނުކުރެވި އެތައް ދުވަހެއް ވޭތުވެގެން ގޮސްފި. ސަރުކާރަކުން ބޭނުމެއް ނޫން އެތަން އެގޮތަށް ބާއްވާކަށް. ސަރުކާރުން އިރާދަކުރެއްވިއްޔާ އެތަން މަރާމާތު ކުރާނަން. އެތަން ޒީނަތްތެރި ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: ސަން ފޮޓޯ / އަލީ ނަސީރު

މިނިސްޓަރު ވިދާޅުވީ ޖުމްހޫރީ މައިދާން ވީ އެންމެ އަވަހަކަށް މަރާމާތުކޮށް ނިންމާނެ ކަމަށެވެ.

ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރަމުންދާއިރު މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ތަންތަނާއި އެކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އައި ބައެއް މަސައްކަތްތައް ވަނީ ހައުސިން މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ.