25 Jan 2015, 10:20
ގާހިރާ (ޖަނަވަރީ25): މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުނުތާ ހަތަރު އަހަރުފުރުން ފާހަގަ ކުރުމަށް ގާހިރާގައި އިއްޔެ ބޭއްވި ސުލްހަވެރި ހިނގާލުންތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން އަންހެނަކު މަރުވި މައްސަލަ ތަހްގީގް ކުރާނެ ކަމަށް މިސްރުގެ ބޮޑުވަޒީރު އިބްރާހީމް މަޙްލަބް ވިދާޅުވެއްޖެ އެވެ.
މަހްލަބް ވިދާޅުވީ ޝީމާ އައްސައްބާޣް ނަމަކަށްކިޔާ މިއަންހެން މީހާގެ މަރުގެ މައްސަލާގައި ކޮންމެ ބަޔަކު ޝާމިލްވި ނަމަވެސް އޭނާގެ އާއިލާއަށް އިންސާފު ހޯދައިދޭނެ ކަމުގައެވެ. މިސްރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހިޝާމް ބަރަކާތު ވަނީ ޝީމާ އައްސައްބާޣްގެ މަރާބެހޭ ފުރިހަމަ ތަހްގީގެއް ހިންގުމަށް އަމުރުކުރައްވާފަ އެވެ. ޝީމާ މަރުވެފައި ވަނީ ގާހިރާގެ މެދުތެރޭގައި ކުރިޔަށް ދިޔަ ސުލްހަވެރި ހިނގާލުން ހުއްޓުވުމަށް މިސްރުގެ ފުލުހުން ބާރުގެ ބޭނުންކުރުމާ އެކު ފުލުހުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ކަމަށް ޚަބަރުތައް ބުނެ އެވެ.
ޝީމާއަކީ 2011 ވަނަ އަހަރު މުބާރަކްގެ ވެރިކަމާ ދެކޮޅަށް ތެދުވި މިސްރުގެ އެކްޓިވިސްޓުންގެ އެލަޔަންސްގައި ވަރަށް ހަރަކާތްތެރިކަމާ އެކު އުޅުއްވި އެކްޓިވިސްޓެކެވެ. މުބާރަކްގެ ވެރިކަން ވެއްޓުނީ މިސްރުގެ ރައްޔިތުން އޭނާގެ ދިގުލީ ވެރިކަމާ ދެކޮޅަށް ފެށި އިންތިފާޟާއެއްގައި 2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގަ އެވެ. މުބާރަކްގެ ވެރިކަން ވެއްޓުމަށް ފަހު މިސްރުގައި އުފެދުނު ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލާފައި ވަނީ މިހާރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އިސްކޮށް ހުންނަވައިގެން ގެންނެވި އަސްކަރީ އިންގިލާބެއްގަ އެވެ. މިއާ އެކު މުރުސީއާއި އޭނާގެ ސަރުކާރާއި ޕާޓީގެ އިސްވެރިންވަނީ މިސްރުގެ ޖަލުތަކުގައި ބަންދުކޮށްފަ އެވެ.
މުބާރަކްގެ ވެރިކަން ވެއްޓުނުތާ ހަތަރު އަހަރުފުރުން ފާހަގަ ކުރުމަށް އިތުރު ހަރަކާތްތައް ހިންގަފާނެ ކަމަށް ބިރުން މިސްރުގެ ސިފައިންވަނީ ގާހިރާގެ ތަހްރީރު މައިދާން ބަންދުކޮށްފަ އެވެ. (އަލްޖަޒީރާ)