25 Jan 2015, 10:14
ނިއުދިއްލީ (ޖަނަވަރީ25): އިންޑިއާ އަށް މިހާރު ފައްޓަވާފައިވާ ރަސްމީ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ސައޫދީ އައު ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރެއްވުމަށް ޓަކައި ވަރަށް އަވަހަށް ސައޫދީ އަރަބިޔާ އަށް ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމުގެ ހިތާމައިގާ ސައޫދީ ސަރުކާރަށާއި ރައްޔިތުންނަށް ތަޢްޒިޔާ ވިދާޅުވުމަށް ޓަކައި އެގައުމަށް ކުއްލި ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި ނަމަވެސް އިންޑިއާ އަށް އިއްޔެ ފެއްޓެވި ދަތުރުފުޅަކީ މާކުރިން ތާވަލުކުރެވިފައިވާ ދަތުރުފުޅެއް ކަމަށްވާތީ ސައޫދީ އަށް ވަޑައިގަންނަވާނީ އިންޑިޔާގެ ދަތުރުފުޅަށް ފަހުގަ އެވެ.
ވައިޓް ހައުސްގެ މަސްއޫލުވެރިއަކު ވަނީ އޮބާމާ އަންނަ އަންގާރަ ދުވަހު ސައޫދީ އަރަބިޔާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އޮބާމާ އިއްޔެވަނީ ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމުގެ ހިތާމައިގާ ސައޫދީ އައު ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަށް ފޯނުން ގުޅުއްވައި ތަޢްޒިޔާ ވިދާޅުވެފަ އެވެ. އޮބާމާ ސަލްމާން ރަސްގެފާނާ ފޯނުން ގުޅުއްވީ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ރިޔާސީ މަތިންދާ ބޯޓު އެއަޕޯސް ވަންގައި އިންނަވައިގެން ކަމަށް ޚަބަރުތައް ބުނެ އެވެ.
އަނެއްކޮޅުން އަބްދުﷲ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޢްޒިޔާ ކިޔުމަށް ޓަކައި ދުނިޔޭގެ އެކިގައުމުތަކުގެ ލީޑަރުންނާއި އިސްމަސްއޫލުވެރިންގެ ވަފްދުތައް ދަނީ ސައޫދީ އަރަބިޔާއަށް ޒިޔާރަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)