25 Jan 2015, 10:12
ޕީޕަލްސް ކަޕްގައި ރޭ މާޒިޔާ އާއި ޕީޑީއާރްއެމް ބައްދަލުކުރި މެޗު އެއްވަރުވި އިރު، މެޗުގައި ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ފަރާތުން ދެކެން ބޭނުންވި ކުޅުން ފެނިގެން ގޮސްފައި ނުވާ ކަމަށް ޕީޑީއާރްއެމްގެ އެސިސްޓަންޓް ކޯޗް މުހައްމަދު ފައުޒީ ޕިލަސް ބުނެފި އެވެ.
ފައުޒީ ބުނީ ޕީޑީއާރްއެމުން އަޝްފާގުގެ ގޯލަކަށް އަދިވެސް އިންތިޒާރު ކުރަމުންދާ ކަމަށެވެ. އަދި ރޭގެ މެޗުގައި މާޒިޔާ އިން އޭނާ ވަރަށް ރަނގަޅަށް މާކް ކުރި ކަމަށާއި އޭނާ އަށް ސްކޯ ނުކުރެވުނަސް އެ ޓީމްގެ އެންމެ ބޮޑު ބާރަކީ އަޝްފާގު ކަމަށް ފައުޒީ ބުންޏެވެ.
"އަހަރުމެން އަދިވެސް އަޝްފާގުގެ ގޯލަކަށް އިންތިޒާރު ކުރަން. މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް އިދިކޮޅަށް ކުޅެފައި ވަނީ ރާއްޖެ ދެ ޓީމް. އެ ދެ ޓީމަށް އަޝްފާގުގެ ކުޅުން ވަރަށް ރަނގަޅަށް އިނގޭނެ. އެ ދެ ޓީމްވެސް ވަރަށް ރަނގަޅަށް އޭނަ މާކް ކުރި. އޭނާގެ ފަރާތުން ދެކެން ބޭނުންވާ ފަދަ ޕާފޯމެންސެއް ފެނިގެން ނުދިޔަ ނަމަވެސް، މެޗުގައި އޭނާ މުހިންމު ރޯލެއް އަދާ ކުރި. އަދިވެސް ޕީޑީއާރްއެމްގެ އެންމެ ބޮޑު ބާރަކީ އަޝްފާގް،" ފައުޒީ ބުންޏެވެ.
ފައުޒީ ބުނީ މެޗުގެ މެޗުގެ ފުރަތަމަ ހާފް ދިޔަ ގޮތާ މެދު ޓީމްގެ ކޯޗުން އެހާ ހިންހަމަ ނުޖެހޭ ކަމަށެވެ. ނަމަވެސް ދެވަނަ ހާފްގައި ގޭމް ޑޮމިނޭޓް ކޮށްފައި ވަނީ ޕީޑީއާރްއެމް ކަމަށާއި އެ ހާފްގައި ޓީމްގެ ޑިފެންސިވް މިސްޓޭކްތައް ފާހަގަ ކުރެވިފައި ވާކަމަށް ފައުޒީ ބުންޏެވެ.
"މެޗުގެ ފުރަަތަމަ ހާފް ދިޔަ ގޮތާ މެދު ކޯޗުން އެހާ ހިންހަމައެއް ނުޖެހޭ. ނަމަވެސް މެޗުގެ ދެވަނަ ހާފް ފެށިއިރު ޓީމްގެ ޑިފެންސިވް މިސްޓޭކުތައް ފާހަގަ ކުރެވުނު. އަދި ދެވަނަ ހާފްގައި ޑްރަމަނޭގެ އެހީއާއެކު މެޗުގެ ނަތީޖާ އެއްވަރު ކުރެވުނު. އެ ހާފްގައި ފެނިގެން ދިޔަ ކުޅުމުން ޓީމެއްގެ ގޮތުގައި އަދިވެސް އަހަރުމެން ވަރުގަދަކަން ފާހަގަ ވެގެން ދިޔަ،" ފައުޒީ ބުންޏެވެ.
އޭގެ އިތުރުން ފައުޒީ ބުނީ ޖުމްލަ ގޮތެއްގައި ރޭ ޕީޑީއާރްއެމް ހޯދި ނަތީޖާއާމެދު ހިންހަމަ ޖެހޭ ކަމަށާއި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކަކާއި ޑިފެންސިވް އުކުޅުތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ދެވަނަ ހާފްގައި ގޭމް ޑޮމިނޭޓް ކުރިއިރު، އެ ހާފްގައި އެ ޓީމަށް ކުރި ހޯދިފައި ނުވަނީ ޕީޑީއާރްއެމްގެ ނަސީބު ދެރަވުމުން ކަމަށް ވެސް ފައުޒީ ބުންޏެވެ.
މާޒިޔާ އާއި ޕީޑީއާރްއެމް ރޭ ބައްދަލުކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާޒިޔާ ދެފަހަރަށް ލީޑު ނެގިއިރު، މެޗުގެ ނަތީޖާ ދެ ފަހަރުވެސް ޕީޑީއާރްއެމްއަށް ހަމަހަމަ ކޮށްދިނީ މާލީއަށް ނިސްބަތްވާ އެ ޓީމްގެ ބިދޭސީ ފޮވާޑް ޑްރަމަނޭ ޓްރައޮރޭ އެވެ. އަދި މާޒިޔާގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މި ސީޒަނަށް އެ ޓީމާ އަލަށް ގުޅުނު ބްރެޒިލްގެ ފޯވާޑް ޕަބްލޯ ރަޑްރިގޭޒް އެވެ.