ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ އަށް ވަނަ ބާބާއި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދޭ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިނގައިގަތުމަށް ޓަކައި ކުރަން ހުރި މުހިންމު ކަންތައްތަކާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިވަގުތު ކުރު ޗުއްޓީއެއްގައި ހުންނެވުމާ އެކު، ނައިބު ރައީސް ޑޮކްޓާ މުޙަންމަދު ވަޙީދު، ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ލާމަރްކަޒީ އުޞޫލު ތަންފީޒު ކުރުމަށްޓަކައި ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ ކަންތައްތަކުގެ އިތުރުން، ފަންނީ ގޮތުންނާއި އިދާރީ ގޮތުން ކުރައްވަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ. މިގޮތުން، ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ، ކައުންސިލްތައް އިންތިޚާބުވުމާއެކުހެން، އެ ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ މަސައްކަތު މާޙައުލެއް އުފައްދަވައިދެއްވުމާއި ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެގޮތް ހައްދަވައި ދެއްވުމަށްޓަކައި ކޮންމެހެން ކުރައްވަން ޖެހޭ ކަންތައްތައް ކޮށްދެއްވުމެވެ.

އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، ލާމަރްކަޒީ އުޞޫލު ތަންފީޒު ކުރުމަށްޓަކައި ކުރައްވަން ޖެހޭ މަސައްކަތްތަކުގެ ތާވަލެއް، ވަޒީރުންގެ މަޖިލީހުން ކަނޑައެޅުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިތާވަލާ އެއްގޮތަށް ކަންތައްތައް ހިނގަމުންދާގޮތް ބެއްލެވުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ހޮއްވެވި އެވެ.