25 Jan 2015, 10:05
ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އެންގުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. ޕީޖީ ވިދާޅުވީ، އެފަދަ ސައިޓުތައް ރާއްޖޭގައި ބޭނުން ކުރާތީ އެކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ހުށަހަޅަމުން އަންނަ ކަމަށާއި އެފަދަ ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެންގުމާމެދު ގޮތެއް ނިންމާނީ ދިރާސާއަކަށް ފަހު ކަމަށެވެ. ކޮންމެ އަކަސް އެފަދަ ސައިޓްތަކަށް ނުވަދެވޭނެ ގޮތްހަދާނެ ކަމުގެ އިޝާރާތެއް ޕީޖީ އެވަނީ ދެއްވާފަ އެވެ. މި ރިޕޯޓްގައި އަލިއަޅުވާލަން މި އުޅެނީ އެއާ އެކު ކޮންމެހެން ކުރަންޖެހޭ އިތުރު ކަމަކަށެވެ.
ދިވެހި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގެ އިތުރުން ގެންގުޅުން މަނާތަކެތީގެ ގޮތުގައި "އޮރިޔާން ކާޑު" ހިމެނެ އެވެ. އޮރިޔާން ކާޑުގެ ގޮތުގައި ހިމެނޭ ތަކެތީގެ ތެރޭގައި ފޮޓޯ އާއި ފިލްމާއި އަޑާއި ވާހަކަ ހިމެނެ އެވެ. ބަދުއަހުލާގީ އަމަލުތައް ދައްކުވައިދޭ އެފަދަ ތަކެތި އުފެއްދުމާއި ގެންގުޅުމަކީ އަދަބުތައް ކަނޑައަޅާފައިވާ ކުށްތަކެވެ.
ގާނޫނު ބުނާ ގޮތުން އެފަދަ ތަކެތި އުފައްދައި ނުވަތަ އަތުގައި ބަހައްޓާ ނުވަތަ ފަތުރައިފި މީހެއްގެ އަދަބަކީ ތިން މަހާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ނުވަތަ 1000 ރުފިޔާއާއި 50،000 ރުފިޔާ އާއި ދޭތެރޭ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެފަދަ ކުށްތައް ކޮށްގެން ވަރަށް ފަހުން ވެސް އެތައް ބަޔަކު ވަނީ ޖަލަށްލާފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ހާސް ސައިޓަކުން އޮރިޔާން މަންޒަރު ބެލުމަކީ ސައިބަ ކެފޭތައް ހިންގި ޒަމާނުން ފެށިގެން ގޮސް ކޮންމެ މީހަކު އަތަށް ސްމާޓް ފޯނެއް ލިބެންދެން ވެސް އެތައް ދިވެއްސަކު ދޫނުކޮށްފައިވާ ހުތުރު އާދައެކެވެ. ޒަމާންތަކެއް ވަންދެން ދިވެހިން އާދައަކަށް ހަދާފައި ވަނީ ބިދޭސީންގެ "އެފަދަ މަންޒަރުތައް" ބެލުމެވެ. ނަމަވެސް އަދުގެ ހަގީގަތް ތަފާތެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމުގެ މީހުން ބަލަން ގެންގުޅޭ އޮރިޔާން މަންޒަރުތައް ވެފައި މި ވަނީ ދިވެހިންގެ މަންޒަރުތަކަށެވެ. އާނއެކެވެ. ބުނަން މި އުޅެނީ ދިވެހިންގެ ތެރޭގައި އޮރިޔާން ކާޑު ހެދުން އިންތިހާއަށް އާންމުވާ ވާހަކަ އެވެ. ފާހަގަވާ ބައެއް ކަންކަން ހިސާކޮށްލާނަމެވެ.
ލޯތްބަށް "ޣަރަގުވެ" ހިންގާ ފާހިޝް އަމަލުތަކުގެ ތެރެއިން ލޯބިވެރިންގެ ދެމެދުގައި އޮރިޔާން ފޮޓޯ އާއި ވީޑިއޯ އެކަކު އަނެކަކަށް ފޮނުވުމަކީ އާންމު ކަމެކެވެ. އާހިރު ނަތީޖާ އަކަށް ވެގެން ދަނީ ދެމީހުންގެ ލޯބީގެ ގުޅުން ނިމި ޒުވާބު ހޫނުވާ ހިސާބުން ފޮޓޯތައް އެތަށް ގޮތަކަށް އާންމުވުމެވެ. އެމަޅީގައި އެތައް ހާސް ދިވެހި އަންހެނުންނެއް އަދި ފިރިހެނުންނެއް ޖެހި ފިތިފައި އެބަ ހުއްޓެވެ. އެގޮތަށް ލީކުވެފައި ހުންނަ ފޮޓޯތައް ސޯޝަލް މީޑިއާތަކުގަޔާއި ބައެއް ވެބްސައިޓްތަކުގައި ވެސް ގެންގުޅެ އެވެ. ހަމައެހެންމެ އެތައް ބަޔެއްގެ ފޯނުތަކުގައި ވެސް އެފަދަ މަންޒަރުތައް ގެންގުޅޭ ކަމަށްވެ އެވެ.
ދެން ވެސް އޮތީ އެފަދަ ކަމެކެވެ. އެކަން ކުރާ ބަޔަކު އެކަން ކުރަނީ ފެޝަނަކަށް ހަދައިގެންނެވެ. ނޫނީ ފޮޓޯގްރަފީގެ މާމައްޗަށް ދިއުމުގެ ބޭނުމުގައި ކަމަށްވެދާނެ އެވެ. އެގޮތަށް ނަގާ ފޮޓޯތަކުގެ ތެރޭގައި އެތައް އަންހެން ކުދިންނެއް އެތައް "ޕޯސް" އަކަށް ބާއްވައި ބަދުއަހުލާގީ މަންޒަރުތައް ސިފަކޮށްދޭ އެތައް ފޮޓޯއެއް އެބަނަގަ އެވެ. ބައެއް ފަހަރު ސްޓޫޑިއޯތަކުގަ އެވެ. އަނެއްބައި ފަހަރު ގުދުރަތީ ރީތި ސަރަހައްދުތަކުގަ އެވެ. އެފަދަ ފޮޓޯތަކުގައި ގިނައިން އަންހެން ކުދިން ބޭނުންކުރާ އިރު އަނެއް ބައި ފޮޓޯތަކުގައި ޖޯޑުޖޯޑަށް ވަރަށް ގައިގޯޅިކޮށް ނަގާފައި ހުންނަ ފޮޓޯތައް ވެސް ހިމެނެ އެވެ. އެހެން ނަގާފައިވާ ބައެއް ފޮޓޯތަކަށް ބަލާއިރު އަންހެން ކުއްޖާގެ އޮރިޔާން ނިވާ ނުވާ ހާލު ނަގާފައިވާ ފޮޓޯތައް ހާހުން ގުނާލެވެ އެވެ. މިކަމުގެ ހެއްކަކަށް ފޭސްބުކް ބައެއް ޕޭޖްތައް ހިމެނޭނެ އެވެ.
"ތިބުނާ ޒާތުގެ ފޮޓޯއަކީ ވަރަށް ކުރިން ވެސް ނަގާ އެއްޗެއް. ދެން މިހާރު މާ ވަރަކަށް ލީކް ވަނީ. ބައެއް ފޮޓޯގްރާފަރުން އަންހެން ކުދިންނަށް ލާރި ދީގެން ވެސް ނަގާ. އަނެއްބައި މީހުން އެ މީހުން ރައްޓެހިވެގެން އުޅޭ ކުދިން ލައްވާވެސް ނަގާ. ހަމަ އޮރިޔާމުން ވެސް ނަގާ،" ރާއްޖޭގެ މަޝްހޫރު ސްޓޭޑިއޯއެއްގައި މަސައްކަތްކޮށްފައިވާ ޕްރޮފެޝަނަލް ފޮޓޯގުރާފަރެއް ބުންޏެވެ.
ދެން ހިއްސާކޮށްލަން އޮތީ ދެ ލޯބިވެރިން ނުވަތަ ދެމަފިރިން އެމީހުން އެކަކު އަނެކަކު ދެކެ ވާލޯބި އެހެން މީހުންނަށް އަންގައިދޭން އުޅުމުގެ ތެރެއިން ހަދާ ބޮޑު ގޯހެއްގެ ވާހަކަ އެވެ. އޮރިޔާން ނިވާވިޔަސް ހަމަ ކުށަކަށް އަރައިގަންނަނީ އެވެ. މިކަން އެންމެ ބޮޑަށް ހިންގަމުން ދަނީ ސޯޝަލް މީޑިއާތަކަށް ދޫކޮށްލާ ފޮޓޯތަކުންނެވެ. "ނައިސް ކަޕުލް"، "ވަރަށް ލޯބި"، "ސޯ ހޮޓް"، ފަދަ ކޮމެންޓުގެ ބޭނުމުގައި ބަދުއަހުލާގީ އަމަލުތައް ހިންގައި އެ ފޮޓޯތައް ނަގައި ފޭސްބުކަށް ލާއިރު އެކުރެވެނީ ގާނޫނީ ކުށެއްކަން ހަދާން ވެސް ނުހުންނަ ކަހަލަ އެވެ.
މީގެ އިތުރުން އެކި ކަހަލަ ބަދުއަހުލާކީ ވާހަކަތައް ދައްކާފައި ހުންނަ އޯޑިއޯ ރެކޯޑްތަކަކީ ވެސް އެތައް ބައެއްގެ ފޯނުތަކުން ފެށިގެންގޮސް ކޮމްޕިއުޓަރުތަކުގައި ވެސް ގެންގުޅޭ ސާމާނެވެ. ހިތާމައަކީ އެ ހުރިހާ ބަރަހަނާ ތަކެއްޗެއް ގެންގުޅޭއިރު މިކުރެވެނީ ކިހާވަރެއްގެ ފާފައެއް ކަމާއި މިއީ ގާނޫނީ ގޮތެއް ކިހާވަރެއްގެ ކުށެއްކަން ގިނަ ބަޔަކަށް ވިސްނާނުލެވޭތީ އެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވެސް ވަނީ ނުކުޅެދިފަ އެވެ. އެހެން ނޫންނަމަ މިކަން މިހާ އިތުރުވެގެން ނުދާނެކަން ޔަގީނެވެ. އަވަހަށް ފިޔަވަޅުއަޅަން ޖެހެ އެވެ. މިފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވާންޖެހެ އެވެ.
ގާނޫނީ ފުންނާބު އުސް ބޭފުޅަކު ވިދާޅުވީ ދިވެހިންގެ ތެރެއިން ވަކި މީހެއްކަން އެނގޭ ގޮތަށް ލީކްވެފައި ހުންނަ އޮރިޔާން ކާޑުތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. މީގެ ކުރިން ބައެއް ފަރާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކްވެފައިވުމުން ދައުވާކުރަން ފޮނުވާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ގިނަ ފަހަރަށް މިވާގޮތަކީ އަމިއްލަ ބޭނުމަށް ނަގާ ފޮޓޯއެއް އެ މަރާމާތު ކުރުމަށްޓަކައި (ލެޕްޓޮޕް ނުވަތަ ފޯނު) ކޮންމެވެސް ތާކަށް ދިނުމުން ނޫނީ ކޮންމެވެސް ގޮތަކުން އެމީހުންގެ ފޯނަށް ނޫނިއްޔާ އެހެން މީހަކަށް ލިބުމުން ސްޓޯކުރުމުން ފަޅާމިއަރަނީ. ރާއްޖޭގައި ވެސް އޮރިޔާން ކާޑް އުފައްދައި ގެންގުޅޭ ނަމަ ފިޔަވަޅު އަޅާ،" ގާނޫނީ ތަޖުރިބާކާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ފަރާތްތަކުން ސަމާސަ އަށް ގެންގުޅޭ އެފަދަ ފޮޓޯތައް އެމީހެއްގެ އަތުން ފެނި ފުލުހުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ "އެއްވެސް ކަމެއްގެ ގޮތުގައި ނުބަލައި" ކުރަމުންދާ ކަމެއް ކަމަށާއި މިފަދަ ކަންކަން އިންތިހާއަށް އިތުރުވެފައި ވަނީ މުޖުތަމައުގެ އަހުލާގަށް އައިސްފައިވާ ބަދަލުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އާއްމުކޮށް އާއްމު އިޖުތިމާއީ މިންގަނޑާއި ހިލާފު ކަންތައްތަކާއި ރާއްޖޭގެ ގާނޫނުތަކާއި ހިލާފު ކަންތައްތައް ފެތުރޭނަމަ އެފަދަ ކަންތައްތައް ފުލުހުން ބަލަމުން ގެންދާ ކަމަށާއި ނުވަތަ ކޮންމެ ވެސް ފަރާތަކުން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާ ކަމަށެވެ.
ދެ ހަސަދަވެރިންކަމަށް ވިޔަސް އަދި ދެލޯބެރިން ކަމުގައިވީނަމަވެސް އަދި ދެމަފިރިން ކަމުގައިވީނަމަވެސް އެކުރެވެނީ ބޮޑުކުށެކެވެ. މިއީ މާތްވެގެންވާ އިސްލާމް ދީނުގައިވެސް ހުއްދަ ކުރާ ކަމެއް ނޫނެވެ. އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވާ ގޮތުގައި އެފަދަ ތަކެތި އުފެއްދުމަކީ ދުނިޔެއަށް ފެތުރެމުން އަންނަ "ވަބާއެއް" ކަމަށާއި އެއީ ވަރަށް ބޮޑު ފާފައެއް ކަމަށް ޝެއިހް ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ދެދުނިޔޭގައި ވެސް އެމީހަކަށް އެތައް ގެއްލުންތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.
މިނުރައްކާ ހުތުރު އަމަލު މިއޮތީ އިންތިހާއަށް އިތުރުވެފަ އެވެ. މަހަކު އެއްފަހަރު ފޭސްބުކަށް ވަންނަ މީހަކަށް ވެސް މިކަން ފާހަގަވާނެ އެވެ. އެތައް ޖިންސުއްލަތީފުންނެއް ދަނީ އާމްދަނީ ހޯދުމަށް އެފަދަ ވީޑިއޯ ފޮޓޯއަށް މޮޑެލް ވެސް ކުރަމުންނެވެ. މިކަމަކީ ބޮޑު ބަލިމަޑުކަމަކަށްވާ ހިސާބަށް މިއޮތީ ގޮސްފަ އެވެ. ހަމައެހެންމެ މިއީ ޖިންސީ ނަހަމަ ގުޅުންތައް މުޖުތަމައުގައި އިންތިހާއަށް އޮތް މަގެކެވެ. އެއްބަޔަކު ކަސްބީ މޮޑެލުންނަށްވެ ދެންތިބި ބަޔަކު ފޯނުތަކަށާއި އެހެނިހެން ވަސީލަތްތަކަށް އެފަދަ ތަކެތި އަޅައި އުޅޭއިރު ތިކުރެވެނީ ބޮޑު ފާފައެއް ކަމާއި ގާނޫނީ ކުށެއްކަން ހަދާން ކުރުން މުހިންމެވެ. ހަގީގަތް ގަބޫލް ކުރާށެވެ. އޮރިޔާން ކާޑް ހެދުން މި ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.