ތ. މަޑިފުށީ ގޭގޭގައި ހިއްކަން އަޅާފައި ހުންނަ އަންނައުނާއި ކާބޯތަކެތި ވަގަށް ނަގަމުން ދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އުމުރުން 28 އަހަރުގެ ބަނގުލަދޭޝް މީހާ ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ދަންވަރު މަޑިފުށިން ވައްކަން ކުރަމުންދަނިކޮށް ރައްޔިތުންގެ އެހީތެރިކަމާ އެކު އެރޭ ފަތިހު 4:00 ހާއިރު އެވެ.

އެމީހާ ހައްޔަރު ކުރުމަށް ފަހު ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި އެމީހާ ދިރިއުޅުނު ތަނުން ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތީގެ ތެރޭ ގޭގޭގައި ހިއްކަން އަޅާފައި ހުރި އަންނައުނާއި ކާބޯތަކެއްޗާއި މޯބައިލް ފޯނާއި ކުޑަކުދިން ކުޅެން ގެންގުޅޭ ސާމާނު ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ ވައްކަމުގެ އެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.