25 Jan 2015, 09:40
ބ. އޭދަފުށީގައި އަަލަށް ހިއްކި އަދި ގިރަމުންދާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.
އޭދަފުށި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނައުރިފު މިއަދު "ސަން" އަށް ވިދާޅުވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެ މަސައްކަތް ފެށުމުގެ ގޮތުން ބައެއް ކަންކަން ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ކަމަށް އޭނާ ވިދާޅުވި އެވެ. ނައުރިފް ވިދާޅުވީ ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ކުރާނީ އަލަށް ހިއްކި ސަރަހައްދުގައި ކަމަށެވެ.
"ގާތްގަނޑަކަށް 800 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ. ދެން މި މަސައްކަތް ހަވާލުކޮށްފައި އެވަނީ 62 ދުވަސް ތެރޭގައި ނިންމާ ގޮތަށް،" ނައުރިފް ވިދާޅުވި އެވެ.
އޭދަފުށީގައި އަލަށް ހިއްކި ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ފަށާފައިވާއި މިވަނީ އަލަށް ހިއްކި ސަރަހައްދުު ގިރަމުންދާތީ އެ ރަށު ރައްޔިތުން ޝަކުވާ ކުރަމުން އަންނަކިކޮށެވެ.
އޭދަފުށި ކައުންސިލްގެ ރައީސް އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އަލަށް ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް 8600 ޓަނުގެ ހިލަ ގެނައި ކަމަށެވެ. އަދި ކުރިން އެ ހިލަތައް ބަހައްޓާފައި ހުރީ ގިރަމުންދާ ސަރަހައްދާ ދުރުގައި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެހެންނަމަވެސް އެ ސަރަހައްދު ގިރަމުން ގޮސް ހިލަ ފުނި މިހާރު ހުރީ މޫދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް އަލީ ވަހީދު ވިދާޅުވީ އަލަށް ހިއްކި ސަރަހައްދުން ގޯތި ދޭން ފަށައިފައި ނުވަނީ އެ ސަރަހައްދަކީ ސަރުކާރުން ހިއްކާފައިވާ ސަރަހައްދަކަށް ވާތީ ކަމަށެވެ. ހަމައެއާ އެކު ގިރަމުންދާ ސަަރަހައްދާއި ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އަލީ ވަހީދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.
އޭދަފުށި ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ނެދެލޭންޑްސް ބޮސްކާލިސް ކުންފުނިން ނެވެ.