25 Jan 2015, 01:33
މޮޓޯ ރޭސިން ކުޅިވަރެއްގެ ގޮތުގައި ކުރިއަރުވާ ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކުރުމަށް މޯލްޑިވްސް މޮޓޯ ރޭސިން އެސޯސިއޭޝަން (އެމްއެމްއާރުއޭ) އިން ބާއްވަމުން އަންނަ ރޭސިން މުބާރާތް، "މޮޓޯ ރޭސިން ޕްރެސިޑެންޓް ޗެލެންޖް" ގެ ނިމުން ފާހަގަކޮށްފި އެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މުބާރާތުގެ އެއްވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އިއްޔެ އާއި މިއަދު ހުޅުމާލޭގައި ކުރިއަށްދިޔަ އެ މުބާރާތުގައި 22 ދާއިރާއަކުން 85 ރޭސަރުން ބައިވެރިވެފައިވާއިރު، މިއީ އަންހެން ރޭސިން މުބާރާތުގައި ބައިވެރިވި ފުރަތަމަ މުބާރާތް ކަމަށް އެމްއެމްއާރުއޭ އިން މައުލޫމާތުދެ އެވެ.
އަންހެނުންގެ ބައިން އެންމެ މޮޅު ރޭސަރުކަން ސީމާ ހޯދި އިރު، ރޫކިން އިވެންޓުގެ އެއް ވަނަ ހޯދާފައި ވަނީ ރަންނަމާރިއަންސްގެ އަހުމަދު އިމްރާނެވެ. އަދި 125 ސީސީގެ ދެ ރައުންޑުންނާއި 135 ސީސީގެ ދެ ރައުންޑުން އެއްވަނަ ހޯދާފައިވަނީ ޓީމް މޮޓަރައިޒްގެ އަލީ ނިހާދެވެ.
މީގެ އިތުރުން އޭނާ ވަނީ 200-150 ސީސީގެ ދެ ވަނަ ރައުންޑުން ވެސް އެއްވަނަ ހޯދާފަ އެވެ. އެ ކެޓަގަރީގެ އެއް ވަނަ ރައުންޑުގެ އެއްވަނަ ހޯދާފައި ވަނީ ވެސް ޓީމް މޮޓަރައިޒުގެ ނާއިލް އަހުމަދެވެ. އަދި 600 ސީސީގެ ރައުންޑް އެކެއް އަދި ދޭއްގެ އިތުރުން 1000-750 ސީސީގެ ރައުންޑް ދޭއްގެ އެއްވަނަ ހޯދާފައި ވަނީ އަހުމަދު ސައީދެވެ.
1000-750 ސީސީ ކެޓަގަރީގެ އެއްވަނަ ހޯދީ އެމްއާރުސީގެ މުހައްމަދު މާހިނެވެ. އަދި 2000 ސީސީގެ އަށްވުރެ ދަށް ކާރުގެ ކެޓަގަރީ އަށް ބަލާއިރު، އެ ކެޓަގަރީގެ އެއްވަނަ އަށް ޓީމް ޑީބްރޯސްގެ މުހައްމަދު ސިމާން ހޯދިއިރު، 2000 ސީސީ އަށްވުރެ މަތީގެ ކެޓަގަރީން އެއްވަނަ ހޯދާފައި ވަނީ ޓީމް ޑީބްރޯސްގެ އިބްރާހިމް ފަޒީނެވެ.
ޓާބޯ އިވެންޓުގެ އެއްވަނަ ހޯދާފައި ވަނީ ޓީއާރުޓީގެ މުހައްމަދު މަހުރޫޝެވެ. ކާރު އޯޕަން އިވެންޓުގެ އެއްވަނައަށް ޓީމް ޑީބޯސްގެ އިބްރާހިމް ފަޒީލު ހޯދިއިރު، ސްޓަންޓް ޗެލެންޖުގެ އެއްވަނަ ހޯދީ ޓީމް ޓޫޒީރޯގެ އަލީ ސުއާދެވެ. އަދި ސުޕާ ބައިކް ސްޓަންޓް އިވެންޓުގެ އެއްވަނައަށް ހޯދާފައި ވަނީ އެމްއާރުސީގެ ޔޫސުފް މާޒިނެވެ.
އެއްވަނަ މަގާމުތަކުގެ އިތުރުން، ކޮންމެ ކެޓަގަރީއަކުން ދެ ވަނަ ތިންވަނަ ހޯދި ރައިޑަރުންނަށް އިނާމު ދީފައިވާޢިރު، ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލުކޮށް ރޭސިން ދާއިރާއިން ރާއްޖެއަށް ރީތިނަން ހޯދައިދިން ހަތް ރައިޑަރުންގެ އަގު ވަޒަންކޮށް މިރޭގެ ރަސްމިއްޔާތުގައި ވަނީ އިނާމު ހަވާލުކޮށްފަ އެވެ.