25 Jan 2015, 00:48
ހުކުރު ވިލޭރޭގެ މެންދަމުގެ ވަގުތެއްގައި ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ގައުމުގެ އާ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދަށް ތައުޒިޔާ ދަންނަވައިފި އެވެ.
ނައިބު ރައީސް ޖަމީލް ސައުދީއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ނެވެ. ސައުދީގެ ރަސްކަމުގެ ދަރުބާރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ނައިބު ރައީސް ޖަމީލް ވަނީ ސައުދީ އަރަބިއްޔާގެ އާ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ތައުޒިޔާ ދަންނަވާފައި އެވެ.
ސަރުކާރުގެ މަތީފެންވަރުގެ ވަފުދުގައި ނައިބު ރައީސް ޑރ. ޖަމީލުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ރާއްޖޭން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަބްދުﷲ ހަމީދު ވެސް ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ނައިބު ރައީސް ޖަމީލު ސައުދީ އަރަބިއްޔާއަށް ވަޑައިގެން ތައުޒިޔާ ދަންނަވާފައިވާއިރު ރައީސް އަބްދުﷲ ޔާމީން ވަނީ ސައުދީގެ އާ ރަސްގެފާނު، އަބްދުﷲ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދަށް ރައީސަށް ތައުޒިޔާގެ މެސެޖެއް މިދިޔަ ހުކުރު ދުވަހު ފޮނުއްވާފަ އެވެ.
ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ސައުދީ ރަސްގެފާނު އަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އެމަނިކުފާނުގެ ނަންފުޅުގައި ސައުދީގެ ރަސްގެފާނަށާއި ގަނޑުވަރުގެ ބޭފުޅުންނަށް ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. އަބްދުﷲ ރަސްގެފާނަކީ ސައުދީ އަރަބިއްޔާ އާއި މެދު އިރުމައްޗަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ހިތްވަރުގަދަ ލީޑަރެއް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި 2002 ވަނަ އަހަރު ފަލަސްތީންގައި މިނިވަންދައުލެއްް ގާއިމް ކުރެއްވުމަށް އެމަނިކުފާނު ހުށަހެޅުއްވި ޕްލޭނަކީ މިހާރު ވެސް ފަލަސްތީންގެ މައްސަލަތަކުގައި ބަހުސްކުރާ އިރު ބަލާ އެއްޗެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ސައުދީގެ ރަސްގެފާނު އަވަހާރަވީ ނިއުމޯނިޔާގެ އާލާސްކަންފުޅަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިޔާޟްގައި ހުންނަ ކިންގް އަބްދުލްޢަޒީޒް މެޑިކަލްސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް ހުކުރު ދުވަހުގެ ރޭ މެންދަމު އެކެއްޖަހާ ކަންހާއިރެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.
އަބްދުﷲ ރަސްގެފާނު އެ ގައުމުގެ ރަސްކަމުގެ މަގާމަށް އިސްވެވަޑައިގެންފައި ވަނީ 2005 ވަނަ އަހަރު އެވެ. އޭގެކުރިން ސައޫދީ އަރަބިޔާގެ ވަލީއުލްއަހްދު ކަމުގެ މަގާމުގައި އަބްދުﷲ ދިގުމުއްދަތެއް ހޭދަކުރައްވާފައިވެ އެވެ.