24 Jan 2015, 23:38
އަސްކަރީ މަރުކަޒެއް ހެދުމަށް ޗައިނާ އަށް ލ. އަތޮޅުން ބިމެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ޗައިނާ ސަރުކާރުން ދޮގުކޮށްފި އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން މިރޭ އާންމު ކުރި ކުރު ބަޔާނެއްގައި ބުނީ ޗައިނާގެ މިލިޓަރީ ބޭހެއް ހެދުމަށް ލ. އަތޮޅުން ބިމެއް ޗައިނާ ސަރުކާރަށް ކުއްޔަށް ހިފަން އުޅޭ ކަމަށް ނަޝީދު ދެއްކެވި ވާހަކަފުޅު އެއީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށެވެ.
އަބޫދާބީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ލ. އަތޮޅުގެ ބިމެއް "މިލިޓަރީ ބޭސްއެއް ހެދުމަށް، 99 އަހަރަށް [ޗައިނާ އަށް] ކުއްޔަށް ދިނުމަށް" ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށާއި އަދި އެކަމުގެ ބަދަލުގައި ދެ ބިލިއަން ޑޮލަރު ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ޗައިނާ އެމްބަސީގެ ބަޔާނުގައި ބުނީ އެ ގައުމުގެ ސިޔާސަތަކީ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުން ކަމަށާއި ފަހަރެއްގައި ވެސް އެއްވެސް ބަޔަކާ ދޭތެރޭ އެނޫން ގޮތަކަށް ނުދެކޭ ކަމަށެވެ.
"ޗައިނާ އިން ދުނިޔޭގެ އެއްވެސް ގައުމެއްގައި މިލިޓަރީ ބޭސް އަޅައި ބަލަހައްޓާ ގޮތަކަށް ނޫން އޮންނާނީ." ޗައިނާ އެމްބަސީގެ ބަޔާނުގައި ބުންޏެވެ.
އަދި އެ ބަޔާނުގައި ބުނީ ޗައިނާގެ ބޭރުގެ ސިޔާސަތު ބިނާ ވަނީ ފަސް އަސާސެއްގެ މައްޗަށް ކަމަށާއި އޭގެ ތެރޭގައި ސުލްހަ މަސްލަހަތާއި ތަރައްގީ އާއި އަދި ދެ ފަރާތަށް ފައިދާވަނިވި ގޮތަކަށް ތަރައްގީ ގެނައުން ހިމެނޭ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދުގެ ގުޅުމުގެ ބިންގަލަކީ ވެސް އެއީ ކަމަށާއި ދެ ފަރާތުގެ މަސްލަހަތުގެ އިތުރަށް އެ ގުޅުމަކީ ދެ ފުށް ފެންނަ ދުނިޔެ އަށް ހުޅުވާލެވިފައިވާ ސިޔާސަތެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޗައިނާ ސަރުކާރުން ބުނީ ރާއްޖެ އަކީ ގާތް އަވަށްޓެރި ގައުމެއް ކަމަށާއި ވޭތުވެ ދިޔަ 100 އަހަރުގެ ވެސް ބައިވެރިއެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ފަހުގެ އަހަރުތަކުގައި ވަރަށް ބޮޑަށް ތަރައްގީ ކުރެވިފައިވާ ކަމަށެވެ. އަދި ބުނީ ދެ ގައުމުގެ ކުރިއެރުމާއި މުސްތަގުބަލަށް ޓަކައި ރަހުމަތްތެރި އަދި ތަރައްގީގެ ބައިވެރިންގެ ގޮތުގައި މަސައްކަތް ކުރާ ދެ ގައުމު ކަމަށެވެ. އަދި ދެ ގައުމުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ 21 ގަރުނުގެ މެރީޓައިމް ސިލްކް ރޫޓަކީ ވެސް އެކަމުގެ ލާބަޔާއި މަންފާ ދެ ގައުމަށް ވެސް ކުރާނެ ކަމެއް ކަމަށެެވެ.
އެ ބަޔާން ނިންމާލަމުން ބުނީ ރާއްޖޭގެ ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅު ވެސް ދެ ގައުމުގެ ގުޅުމާއި އަދި ދެ ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް މަގުފަހިވާނެ ގޮތަށް ވާހަކަތައް ދައްކަވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.