24 Jan 2015, 22:38
އިސްލާމިކް ސްޓޭޓް ނޫނީ އައިސިސް އިން ރަހީނުކޮށްގެން އުޅޭ ޖަޕާނު ދެ މީހުންގެ ތެރެއިން އެކެއްގެ ކަރު ބުރިކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސީއެންއެން އިން މިރޭ ބުނީ ޓެރަރިސްޓް ޖަމާއަތުން މިހާރު ކުރަނީ އާ ޑިމާޑެންޑެއް ކަމަށާއި މިހާރު ޑިމާންޑްގައި ބުނަނީ ކުށްވެރިން ބަދަލު ކުރުމުގެ ވާހަކަ ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނީީ އައިއެސް ޖަމާއަތުން އާންމު ކުރި ވީޑިއޯ އިން ފެންނަނީ ރަހީނުކުރި ޖަޕާނު ދެމީހުންގެ ތެރެއިން، ހަރުނާ ޔުކަވާގެ ކަރު ބުރިކޮށްލާފައިވާ ފޮޓޯގަނޑެއް ހިފައިގެން ކެންޖީ ގޯޓޯ ހުންނަ މަންޒަރު ކަމަަށެވެ.
ސީއެންއެން އިން ބުނީ އެ ފޯޓޯ ގަނޑުގެ ސަހައްކަން އަދި ކަށަވަރު ނުވާ ކަމަށެވެ.
ކެންޖީ ގޯޓޯ އަކީ ފްރީލާންސް ނޫސްވެރިއެކެވެ.
އައިސިސް އިން ރަހީނު ކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ކަރު ބުރި ކޮށްލި ކަމަށް މީޑިއާތަކުން ބުނަނީ، 200 މިލިއަން ޑޮލަރު ހޯދުމަށް ހުށަހެޅި 72 ގަޑި އިރުގެ މުހުލަތު ހަމަވި ފަހުންނެވެ.
ކެންޖީ ގޯޓޯ ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯ މެސެޖުގައި ބުނަނީ އަނެއް ހޮސްޓޭޖުގެ ކަރު ބުރިކޮށްލުމުގެ ޒިންމާ އުފުލަން ޖެހެނީ ޖަޕާންގެ ބޮޑު ވަޒީރު ޝިނިޒޯ އަބޭ ކަމަށެވެ. އަދި އެ އަށް ފަހު ގޯޓޯ ބުނަނީ ޖޯޑަންގެ ޖަލުގައި ހުރި، ސާޖިދާ ރިޝާވީ މިނިވަންކޮށްދިނުމަށް އެދޭ ކަމަށެވެ.
"އެ މީހުން މިހާރު ބޭނުން ވަނީ ފައިސާއެއް ނޫން. އެހެންވީމާ ޓެރަރިސްޓް ޖަމާއަތަކަށް ފަންޑް ކުރަން ޖެހުމުގެ އެއްްވެސް ކަންބޮޑުވުމެއް މިހާރު އޮންނާކަށް ނުޖެހޭނެ،" ޖޯޑަންގެ ޖަލުގައި ހުރި އަންހެން ގައިދީއާ ބެހޭ ގޮތުން އިނގިރޭސި ބަހުން ދިން މެސެޖުގައި ބުންޏެވެ. "އެމީހުންގެ މިހާރުގެ ޑިމާންޑަކީ ޖޯޑުން ޖަލުގައި ހުރި އެ މީހުންގެ ދައްތަ މިނިވަންކޮށްދިނުމަށް،"
އޭނާ ބުނީ އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި ސާޖިދާ ދޫކޮށްލުމުން އޭނާ މިނިވަން ވާނެ ކަމަށެވެ.