24 Jan 2015, 20:39
ޕީޕްލްސް ކަޕްގައި މިއަދު ނިއުރޭޑިއެންޓާ ދެކޮޅަށް ސިންގަޕޯރ ލަޔަންސް ކުޅުނު މެޗުގައި، ލަޔަންސްގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކަންކަމަށް މައާފަށް އެދޭ ކަމަށް ލަޔަންސްގެ އެސިސްޓަންޓް ކޯޗް މުހައްމަދު ނަޒްރީ ބިން ނާސިރު ބުނެފި އެވެ.
ނަޒްރީ ބުނީ މެޗުގައި ލަޔަންސްގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކަންކަމާމެދު އޭނާ ދެރަވާ ކަމަށެވެ. އަދި އެއީ މެޗުގައި ތިން ލަނޑުގެ ލީޑެއް ލަޔަންސަށް ލިބުމުން ވީކަމެއް ކަމަށް ވެދާނެ ކަމަށާއި، މެޗު ކޮންޓްރޯލް ކުރުމުގައި ރެފްރީގެ މަސައްކަތް ފާހަގަ ކުރެވޭ ކަމަށް ނަޒްރީ ބުންޏެވެ.

"މެޗުގައި ލަޔަންސްގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ކަންކަމަށް މައާފަށް އެދެން. ބައެއް ކުޅުންތެރިން ކަންތައް ކުރި ގޮތުން އަހަރެން ވަރަށް ދެރަވި. އެއީ އަހަރުމެނަށް ތިން ލަނޑުގެ ލީޑެއް ލިބުމުން ވީ ކަމެއް ކަމަށް ވެދާނެ. މެޗުގައި ރެފްރީކަން ކުރި ފަރާތް މެޗު ކޮންޓްރޯލް ކުރަން ކުރި މަސައްކަތް ވަރަށް ރަނގަޅު. ރެފްރީ ވަނީ ލަޔަންސްގެ އޮފިޝަލެއް ވެސް ބެންޗުން ފޮނުވާލާފަ. އެއީ ހަގީގަތުގައި އަހަރުމެންގެ މައްސަލައެއް އޮތީމަ،" ނަޒްރީ ބުންޏެވެ.
މެޗުގެ ކުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަޒްރީ ބުނީ ލަޔަންސަށް މެޗުގައި ކުރި ހޯދުނީ ނިއުގެ ޑިފެންސުން ޖާގަތަކެއް ތަނަވަސް ވުމުން ކަމަށެވެ. އަދި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ނިއުގެ ކުޅުންތެރިންގެ ފެންވަރު މާ ރަނގަޅު ކަމަށާއި ނަމަވެސް މެޗުގައި ރަނގަޅު ޓީމްވޯކެއް ފެނިގެން ގޮސްފައި ވަނީ ލަޔަންސްގެ ފަރާތުން ކަމަށް ނަޒްރީ ބުންޏެވެ.
"މި މެޗުކީ ވަރަށް އުނދަގޫ މެޗެއް. ނިއުގެ ކުޅުންތެރިންނަކީ ފެންވަރުގެ ގޮތުން ބަލާއިރު ލަޔަންސްގެ ކުޅުންތެރިންނަށް ވުރެ ފެންވަރު ރަނގަޅު ކުޅުންތެރިން. މެޗުގައި ނިއުގެ 37 ކާއި 11 އަދި އަށް ނަންބަރުގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވަރަށް ރަނގަޅު އިންޑިވިޖުއަލް ކުޅުމެއް. ނަމަވެސް މެޗުގައި ރަނގަޅު ޓީމްވޯކެއް ދެއްކީ އަހަރުމެން. މެޗުގައި އަހަރުމެނަށް ސްކޯ ކުރެވުނީ ނިއުގެ ޑިފެންސްގައި ހުސްތަންތަން ހުރުމުން،" ނަޒްރީ ބުންޏެވެ.
އޭގެ އިތުރުން ނަޒްރީ ވަނީ މި މުބާރާތަކީ ކުރިއަށް އޮތް މެލޭޝިއަން ސުޕާ ލީގަށް ތައްޔާރު ވުމަށް ލަޔަންސްއަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަން ފާހަގަކޮށް، މި މުބާރާތަށް ދައުވަތު ދިނުމުން އެކަމަށް ރާއްޖޭގެ އެފްއޭއަށް ޝުކުރު އަދާކޮށްފަ އެވެ.