މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނި، ޖީއެމްއާރުން ޖެޓް ފިއުލް ވިއްކާ އަގު އިތުރަށް ބޮޑުކުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން އެތެރޭގެ އުދުހުންތަކަށް ނަގާ ތެލުގެ ސާ ޗާޖް 32ރ. ބޮޑުކޮށް، އެ އަދަދު 294ރ. އަށް ބަދަލުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަނުން އިއްޔެ ބުނީ އެ ކުންފުނީގެ އެތެރޭގެ އުދުހުންތަކުގެ ތެލުގެ ސާޗާޖަށް ގެނައި ބަދަލާ އެކު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެން ތެލުގެ ސާ ޗާޖްގެ ގޮތުގައި ކޮންމެ ފަސިންޖަރެއް އަތުން ނަގާނީ 294ރ. ކަމަށެވެ.

މީގެ ކުރިން ތެލުގެ ސާ ޗާޖުގެ ގޮތުގައި ނަގަމުން އައީ 262ރ. އެވެ.

ޖީއެމްއާރުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާ ހަވާލުވި ފަހުން ތިން ވަނަ ފަހަރަށް ތެލަށް ގެނައި ބަދަލާ އެކު މިހާރު ޑޮމެސްޓިކް ފްލައިޓްތަކަށް ތެޔޮ ވިއްކަނީ ލީޓަރެއް 1.04599 ޑޮލަރަށެވެ. އެއީ އެ ކުންފުނިން އެއާޕޯޓް މެނޭޖު ކުރުމާ ހަވާލުވުމާ ހަމަ އަށް ޑޮމެސިޓިކް އެއާލައިންތަކަށް ލިޓަރަކަށް ނެގި 0.8309 ޑޮލަރަށް ވުރެ 22 ސެންޓް، 2.82ރ. ބޮޑު އަދަދެކެވެ.

ޖީއެމްއާރުން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނިން ތެލުގެ އަގުބޮޑުކުރަން ޖެހެނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި އެންމެ ފަހުން ތެލުގެ އަގު އުފުލިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެފަހަރު އޭޝިޔާ އާއި އެމެރިކާގެ ބާޒާރުގައި ތެލުގެ އަގުވަނީ ފީފާއެއް 90 ޑޮލަރުން 95 ޑޮލަރަށް މައްޗަށް ގޮސްފަ އެވެ.