Last Updated: 1 decade 10 month ago
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި މެޗުގެ ކުރި ހޯދީ، މާޒިޔާއެވެ. އެޓީމަށް ލަނޑު ޖަހައިދިނީ މެޗުގެ 27 ވަނަ މިނިޓްގައި ޕަބްލޯ ރޮޑްރިގޭޒް އެވެ. އެހެން ނަމަވެސް މާޒިޔާއިން ލަނޑު ޖެހިތާ 12 މިނިޓް ތެރޭގައި ޕީޑީއާރުއެމްގެ ޓްރައޯރޭ ވަނީ ލަނޑެއް ކަމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން މެޗުގެ 58 ވަނަ މިނިޓްގައި މާޒިޔާއަށް ދެވަނަ ފަހަރަށް ވެސް މެޗުގެ ކުރި ހޯދައިދިނީ ޕަބްލޯ އެވެ. އޭނާ ލަނޑު ޖެހިތާ މާ ގިނަ އިރެއް ނުވަނީސް، މެޗުގެ 61 ވަނަ މިނިޓްގައި ޑްރަމާނޭ ވަނީ ޕީޑީއާރުއެމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މިރޭގެ މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި ހާއްސަކޮށް މާޒިޔާގެ ކުޅުން ރަނގަޅުކަން ފާހަގަކޮށްލަން ޖެހެއެވެ.
މި މެޗު 2-2 އިން އެއްވަރުވުމާ ގުޅިގެން ނިއުރޭޑިއެންޓަށް މިހާރު ވަނީ، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލިފައެވެ.
މުބާރާތުގެ މެޗުތައް ދެން ކުޅޭނީ، އަންނަ ހޯމަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ، ނިއުއާއި މާޒިޔާއެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ވާދަކުރާނީ ޕީޑީއާރުއެމާއި ސިންގަޕޯ ލަޔަންސް އެވެ.
މިރޭގެ މެޗުގެ ނަތީޖާއާއެކު، ޕީޑީއާރުއެމާއި މާޒިޔާ، މި ދެޓީމުންކުރެ ކޮންމެ ޓީމަކަށް ވެސް ވަނީ 4 ޕޮއިންޓް ލިބިފައެވެ. އަދި ލަޔަންސް އަށް 3 ޕޮއިންޓް ލިބިފައިވާ އިރު، ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ނިއުއެވެ.
މުބާރާތުގެ ފައިނަލްގައި ކުޅޭނީ، ހޯމަ ދުވަހުގެ މެޗުތައް ކުޅެ ނިމޭއިރު އެންމެ ގިނައިން ޕޮއިންޓް ލިބިފައިވާ ދެޓީމެވެ. ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ، 28 ވަނަ ދުވަހުގެ ރޭ 9:00ގައެވެ.