އިރުގެ އަލި ބޭނުން ކޮށްގެން ކަރަންޓު އުފައްދައި ދޭ ސޯލާ ޕެނަލްތައް ގެތަކުގައި ހަރުކުރުމަށް ލޯން ދޫކުރާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެމިނާރެއް ފަށައިފި އެވެ. އެ ސެމިނާ އަމާޒުކޮށްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އާންމުންނަށެވެ.

ޖަޕާން ސަރުކާރާ ގުޅިގެން ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އެ ޕްރޮޖެކްޓުގެ މައުލޫމާތު ދިނުމުގެ ސެމިނާ މިއަދު ބާއްވާފައި ވަނީ ކ. މާފުށީގަ އެވެ. އަވިން ހަކަތަ އުފެއްދުމަށްޓަކައި ބޭނުންވާ ޕެނަލްތައް އާންމުންނަށް ލޯނު ސްކީމަށް އިންސްޓޯލްމަންޓަށް ސޯލާ ޕަވާ އުފައްދައިދޭ ތަކެތި ނެގުމުގެ ފޯމު މިއަދުން ފެށިގެން ލިބޭނެ ކަމަށް އެ ސެމިނާގައި ބުންޏެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އެހީގައި ލޯން ސްކީމްގައި ބައިވެރި ވެވޭނެ އެވެ. ސޯލާ ފޮޓޯވޯލްޓެއިކް (ޕީވީ) އިންސްޓޯލް ކުރުމަށް ހޭދަވާ އަދަދުގެ 30 އިންސައްތަ ފައިސާ ސަބްސިޑައިޒް ކޮށްދޭނެ ކަމަށް ޖަޕާނު ސަރުކާރުން ވަނީ ބުނެފަ އެވެ.

ގިނަ ގެސްޓު ހައުސް ވިޔަފާރިވެރިން ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ސެމިނާގައި އެ ސްކީމުގައި ބައިވެރިވުމަށް ބޭނުންވާ ޝަރުތުތައް ކިޔައިދީފައިވެ އެވެ. އެގޮތުން އެ ލޯން ސްކީމުގައި ބައިވެރިވާ މީހަކީ 21 އަހަރާއި 60 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހޭއިރު އެ މީހަކީ ދިވެހި ރާއްޖޭގެ ވަޒީފާއެއްގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރަމުން އަންނަ މީހަކަށް ވާންޖެހެ އެވެ.

ސޯލާ ޕީވީ ސިސްޓެމް ލޯން ސްކީމަށް އެންމެ ދަށުން ފައިނެންސް ކުރެވެނީ 30،000 ރުފިޔާއަށެވެ. އެންމެ މަދުވެގެން ހަ މަހުގެ މުއްދަތައް އިންސްޓޯލްމެންޓަށް އެ ސިސްޓަމް ނެގޭއިރު އޭގެ އެންމެ ދިގު މުއްދަތަކީ 24 މަހެވެ. ލޯނަށް ފައިސާ ނަގާނީ މުސާރައިން އުނިކުރާ ގޮތަށެވެ.

މިއަދުގެ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިޔާދަ ކުރަނިވި ހަކަތަ އިތުރަށް ފުޅާ ކުރުމަށް ކުރާ ކޮންމެ ހަރަދަކީ މުސްތަގުބަލަށް ކުރެވޭ ހޭދައެއް ކަމަށެވެ.