24 Jan 2015, 19:50
ޕީޕަލްސް ކަޕްގައި މިއަދު ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބު ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ސިންގަޕޯރ ލަޔަންސް އަތުން ބަލިވުމުން، އެކަމުގެ ފުރިހަމަ ޒިންމާ އުފުލާ ކަމަށް ނިއުގެ ކޯޗް މިކާ ލޮންސްޓްރޮމް ބުނެފި އެވެ.
މިކާ ވަނީ މިއަދު ހަވީރު ކުޅުނު މެޗުގައި ޓެކްޓިކަލް މިސްޓޭކްސް ތަކެއް ހެދިފައި ވާކަން ފާހަގަ ކޮށްފަ އެވެ. އަދި މިއަދުގެ ނާކާމިޔާބީއަކީ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި، ޓީމެއްގެ ގޮތުގައި ނިއު އަދިވެސް ރަނގަޅު ކުރަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުރިކަމަށް މިކާ ބުންޏެވެ.
"ބެންޗުން ހެދުނު ޓެކްޓިކަލް މިސްޓޭކް ތަކުގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. މި ނާކާމިޔާބީއަކީ ޓީމުގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް. ނަމަވެސް މެޗުގެ ޕޮޒިޓިވް ފަރާތެއްވެސް އެބަ އޮތް. މި މެޗުން އަހަރުމެންގެ ކުޅުންތެރިން ރަނގަޅަށް ދެނެގަންނަން ފުރުސަތު ލިބުނު. އަދި ޓީމް ރަނގަޅު ކުރަން ޖެހޭ ކަންކަން މިހާރު ވަރަށް ރަނގަޅަށް އިނގިގެން ގޮސްފި. އަދިވެސް ޓީމުގައި ރަނގަޅު ކުރަން ވަރަށް ބައިވަރު ކަންކަން އެބަހުރި،" މިކާ ބުންޏެވެ.
މިކާ ބުނީ ނިއުގެ މެދުތެރޭގެ ކުޅުން އެހާ ރަނގަޅު ނޫން ކަން މި މެޗުން ފާހަގަ ވެގެން ދިޔަ ކަމަށާއި، މެޗުގެ ދެ ހާފްގައިވެސް ނިއުގެ ފެށުން އެހާ ރަނގަޅު ނޫން ކަމަށެވެ. އަދި މި މުބާރާތުގައި ތިން ފޯމެޝަނެއް ޓެސްޓު ކުރަން ބޭނުންވި ކަމަށާއި، ދެން ކުރިއަށް އޮތް މެޗުގައި ބޭނުން ކުރާނީ އެ ޓީމްގެ ތިންވަނަ ފޯމޭޝަން ކަމަށްވެސް މިކާ ބުންޏެވެ.
"މެޗުގެ ދެ ހާފްވެސް ނިއު ފެއްޓީ އެހާ ރަނގަޅަކަށް ނޫން. މެދުތެރެއިން ކުޅުން އެހާ ރަނގަޅު ނޫން ކަންވެސް މި މެޗުގައި ފާހަގަ ކުރެވުނު. މެޗުގެ ފަހު 15 މިނެޓުގައި ފެނިގެން ދިޔަ ކުޅުން މުޅި މެޗުގައި ނިއު ދެއްކި ނަމަ މި މެޗުގެ ނަތީޖާ ތަފާތު ވާނެ. މި މުބާރާތަކީ އަހަރުމެންގެ ތިން ފޯމޭޝަނެއް ޓެސްޓު ކުރަން ގަސްދު ކުރި މުބާރާތެއް. މާދަމާ ފެނިގެން ދާނީ އަހަރުމެންގެ ތިންވަނަ ފޮމޭޝަން. އަދި މާދަމާގެ މެޗު އަހަރުމެން ކުޅޭނީ އަވޭ މެޗެއް ގޮތަށް،" މިކާ ބުންޏެވެ.
އޭގެ އިތުރުން މެޗު ފެށުމުގައި ނިއުގެ ޒުވާން ކުޅުންތެރިން ކަމަށްވާ ހަމްޒާ އާއި ސުހެއިލް ބޭނުން ނުކުރެވުން އެއީ ހެދުނު ގޯހެއްކަން މިކާ ވަނީ ފާހަގަ ކޮށްފައެވެ. އަދި މިއަދުގެ މެޗުން ޓީމްގެ ބިދޭސީ ކުޅުންތެރިން އިތުރަށް ދެނެގަންނަން ފުރުސަތު ލިބިގެން ދިޔަ ކަމަށްވެސް މިކާ ބުންޏެވެ.
"މުބަރާތުގައި މިހާތަނަށް ސަންތޯސް އާއި ރަފީނިއާ ދެ ޕޮޒިޝަނަކަށް ކުޅުވައިފިން. އެ ކުޅުންތެރިން އަދިވެސް ރަނގަޅަށް ނުހޭނޭ. ނަމަވެސް ނިއު ކުޅެން ބެނުންވާ ކުޅުންގަނޑު އެ ކުޅުންތެރިންނަށް ދަނީ ދަސްވަމުން. މެޗު ފެށުމުގައި މިއަދު ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރުވި ސުހޭލް އާއި ހަމްޕު މެޗު ފެށިއިރު ނޭރުވުން އެއީ އަހަރުމެންގެ ކޯޗިންގް ޓީމް މަޝްވަރާ ކުރަންޖެހޭ ކަމެއް. އެ ކުޅުންތެރިން މިއަދު ދެއްކި ކުޅުން ވަރަށް ރަނގަޅު،" މިކާ ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ ލޯކަލް ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި ކުޅުންތެރިން ކަމަށާއި، ދަނޑުމަތީގައި އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ދާންޖެހޭނީ ޓީމެއްގެ ލޯކަލް ކުޅުންތެރިންގެ ފަރާތުން ކަމަށްވެސް މިކާ ބުންޏެވެ. އަދި މެޗުގައި މިއަދު ނިއުގެ ކުޅުންތެރިންނަށް ދެއްކި ކާޑުތަކަކީ ނިއުގެ ކުޅުންތެރިން ނަތީޖާ ނެރެން ޝައުގުވެރިކަން ހުރިކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް މިކާ ބުންޏެވެ.