ގާނޫނު އަސާސީގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ޖުމްހޫރީ ޕާޓީން ކުރުމަށާއި އެކަންކަމާ ގުޅިގެން ޕާޓީގެ ފަރާތުން އެވަގުތަކަށް ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ އިހުތިޔާރާއި ބާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދީފި އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ އެކަން އެގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށެވެ. އަމީން ވިދާޅުވީ އެކަން ފާސްކުރަން ޖެހުނީ މިއަދުގެ ސަރުކާރުން ގާނޫނުގެ އަސާސީއާ ހިލާފަށް ބައެއް ގާނޫނުތައް ފާސްކުރުމަށް ހުށަހަޅައި އެ ގާނޫނުތައް ފާސްކުރަމުން ގެންދާތީ ކަމަށެވެ.

"އަދި ބައެއް ބޭބޭފުޅުން ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް މަގާމުތަކުން ވަކިކޮށް އެއްވެސް ސަބަބެއް ނެތި އެބޭބޭފުޅުން ގެއަށް ފޮނުވާލަމުން އެބަގެންދޭ. މިކަންކަން މިގޮތަށް ގެންދާއިރު އެއީ ގާނޫނިު އަސާސީއާ ހިލާފު އަމަލުތަކެއްކަން ވަރަށް ސާފުކޮށް ބުނަމުން އެބަގެންދަން. ނަމަވެސް މިއަދުގެ ސަރުކާރަކުން އެކަން އަޑުއައްސަވާހެނެއް އަޅުގަނޑުމެންނަކަށް ހިއެއްނުވޭ،" އަމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ހިންގާ ކޮމިޓީން މިގޮތަށް މިއަދު ނިންމެވި ނަމަވެސް މީގެކުރިން އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ވަނީ ގާނޫނު އަސާސީއާ ހިލާފަށް މިއަދުގެ ސަރުކާރުން އެއްވެސް ކަމެއް ކުރާކަމަށް ވަނީނަމަ އެކަމުގެ ދިފާއުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފައި އެވެ.

އަމީން ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކުރަންޖެހުނު ކަމެއް ކުރަން ޖޭޕީ އިން ހުރީ ތައްޔާރަށް ކަމަށެވެ. އަދި އެ ޕާޓީއާ ގުޅެން ބޭނުންވާ ޕާޓީތަކަށާއި އަދި އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ޕާޓީއަކާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

"ރާއްޖޭގެ ގާނޫނު އަސާސީ ގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަންޖެހުނު ކޮންމެ ބަޔަކާއެކު ވެސް ކުރުމުގެ ފުރިހަމަ އިހުތިޔާރާ ބާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމަށް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީ އިން ދިނުމަށެވެ. އަދި މި އިހުތިޔާރާއި ބާރުގެ ތެރެއިން އެކިއެކި ނިންމުންތަކާއި މަސައްކަތްތައް ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް ކަނޑައަޅުއްވާ ގޮތެއްގެ މަތީން ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ މެމްބަރަކާ ނުވަތަ މެމްބަރުންނާ ހަވާލުކުރައްވައިގެން ކުރުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު ދިނުމަށް ވެސް ގައުމީ ހިންގާ ކޮމިޓީގެ އެއްވެސް އިގުރާރުވަމެވެ،" ޖޭޕީގެ ގައުމީ ހިންގާ ކޮމީޓީން ނިންމުމުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ރަސްމީ އެއްވެސް ސިފައެއްގައި އިދިކޮޅު އެމްޑީޕީއާއެކު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އެފަދަ ވާހަކަތަކެއް މިހާތަނަކަށް ޖޭޕީގެ ތެރޭގައި ދެކެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް މިއަދުގެ މި ނިންމުމާއެކު އަޅުގަނޑު ދަންނަވާލަން ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ގާނޫނު އަސާސީގެ ހިމާޔަތުގައި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވަން ތިއްބެވި ބޭބޭފުޅުން އަޅުގަނޑުމެންނާއެކު އަވަހަށް އެއް ޓޭބަލަކަށް ވަޑައިގަންނަވާށޭ. ޖުމްހޫރީ ޕާޓީ މިއޮތީ ހަމަ އޯޕަންކޮށް ހުޅުވިފައި،" އަމީން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މިހެން ބުނެފައިވާއިރު ގާނޫނު އަސާސީގެ ހިމާޔަތުގައި އިއްޔެ އެމްޑީޕީ އިން ބޭއްވި ހިނގާލުމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ ބިރުދެއްކި ކަމުގައިވިޔަސް ގާނޫނު އަސާސީ ހިމާޔަތްކުރަން އެމްޑީޕީން ކުރާ މަސައްކަތް ހުއްޓައި ނުލާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ، އެމްޑީޕީން މިއަދު ނުކުމެ މިތިބީ ގާނޫނުއަސާސީ ހިމާޔަތްކޮށް، ކުރިން ވަކާލާތު ކުރަމުން އައި އުސޫލުތައް ދެމެހެއްޓުމަށް ކަމަށެވެ.