ގދ. ނަޑެއްލާގައި އިމާރާތް ކުރަން ހަދާފައި ހުރި އަށިގަނޑެއް ވެއްޓި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު ވިދާޅުވީ އެ މިއަދު ހެނދުނު 10:00 އެހައިކަންހާއިރު ހިނގި ހާދިސާގައި އަނިޔާވި ފަސް މީހުންނަށް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އެރަށު ޒިއުރިކުގޭގައި އިމާރާތް ކުރަން ހަދާފައި ހުރި އަށިގަނޑެއް ވެއްޓިގެން ކަމަށެވެ. އެ އަށިގަނޑުގެ މަތީގައި ތިބި ތިން މީހުންނާއެކު އެތަނުގައި ތިބި ދެ މީހެއްގެ ގައިމައްޗަށް އަށިގަނޑު ވެއްޓިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ހުރަހަށް އަޅާފައި އޮތް ދަގަނޑު ހޮޅީގައި ވެލްޑިން ކޮށްފައި ހުރިތަން ނައްޓާލައިގެން ވެއްޓުނީ. އޭގެ [އަށި މަތީގައި] މަތީގައި ތިބި 100 ވަރަކަށް ގަލާއެކު މަތީގައި ހުރި ތިން މީހުން ވެއްޓުނީ. އޭތި ވެއްޓިފައި ވަނީ ބިންމަތީގައި ތިބި ދެ މީހެއްގެ ގައި މައްޗަށް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ ހަވާލާދީ ފައިސަލް ވިދާޅުވީ އެ ފަސް މީހުންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެކެއްގެ ބުރަކަށީގައި ރެނދުލާފައިވާ ކަމަށެވެ. އަދި ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެއްވެސް މީހަކަށް ހިނގައިބިނގާވެ ނޫޅެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.