24 Jan 2015, 17:30
ޖުމްހޫރީ ޕާޓީ (ޖޭޕީ) ޔޫތު ލީގުގެ ރައީސް މޫސާ އަންވަރު އެ މަގާމުން ވަކިކުރުމަށް އެ ޕާޓީ ކައުންސިލްއިން ފާސްކޮށްފި އެވެ. އޭނާ ވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ޖޭޕީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ އަގުލަބިއްޔަތުން މޫސަ މަގާމުން ވަކިކުރުމަށް މިއަދު ފާސްކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ އޭނާ އަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މޫސާ އަންވަރު އެ މަގާމުން ވަކިކޮށްފައި ވަނީ މިއަދު ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.
އެކަމާއި ގުޅިގެން މޫސާ އަންވަރު މިއަދު ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައި ވަނީ އެޕާޓީގެ އަސާސީ ގަވައިދާހިލާފަށް ކަމަށާއި އެއީ ބާތިލް ނިންމުމެއް ކަމަށެވެ. އަދި އެ މައްސަލައަށް އިންސާފް ހޯދުމަށް ކޯޓަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިމައްސަލާގައިން އިންސާފް ހޯދުމަށް ކޯޓަށް ދާނަން، ގާނޫނުގެ ތެރޭގަ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެނބުރި އަންނާނަން" މޫސާ އަންވަރު ވިދާޅުވިއެވެ.
މޫސާ އަންވަރު މަގާމުންވަކިކޮށްފައިވާއިރު އޭނާ މިފަހަކުން އައިސް ސަރުކާރު ހިންގާ ޕީޕީއެމްއިން ކުރިއަށްގެންދާ އެކިއެކި ކަންކަމުގައި އިސްކޮށް ހަރަކާތްތެރުވާތަން ފެނެއެވެ. ހާއްސަކޮށް ޒުވާނުންނާއި ގުޅުންހުރި ކަންކަން ހިމެނެ އެވެ. އަދި ޖުމްހޫރީ ޕާޓީއިން އެމްޑީޕީ އާއި ގުޅިގެން ގާނޫނު އަސާސީ ހިމާޔަތް ކުރަން މަސައްކަތް ކުރާނެ ކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައި އޭނާ ދަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.