ސަރުކާރު ހިންގާ ކޯލިޝަނުން ރަސްމީކޮށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ވަކިވެއްޖެ އެވެ. ސަރުކާރު ކޯލިޝަނުން ވަކިވާން ޖެޕީ ނިންމީ ޖޭޕީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނެވެ.

މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ މިއަދު ރާއްޖޭގެ ވެރިކަމުގައި އޮތް ސަރުކާރު ވެރިކަމަށް އައީ ހަމައެކަނި ޕީޕީއެމުން ކުރި މަސައްކަތުން ނޫން ކަމަށާއި ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބުރަ މަސައްކަތުން ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރު ވެރިކަމަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޕީޕީއެމާ ޖޭޕީއާ ދެމެދު ބައެއް ކަންތައްތަކުގައި ހިޔާލު ތަފާތުވުންތައް އުފެދިގެން ދިޔަ ކަމަށް އަމީން ވިދާޅުވި އެވެ.

"ބައެއް އިސް ބޭބޭފުޅުން ވިދާޅުވެފައި އެބަހުރި ޖުމްހޫރީ ޕާޓީ ވަނީ ކޯލިޝަންގެ ތެރެއިން ބޭރުކޮށްފައި ކަމަށް. ނަމަވެސް މިއަދާ ހަމައަށް ވެސް އެއްވެސް ފަރާތަކުން ރަސްމީކޮށް އަޅުގަނޑުމެންނަކަށް އެކަން އަންގާ އެ މުއާމަލާތެއް ހިނގާފައެއް ނެތް. އެކަމާ ގުޅިގެން އަޅުގަނޑުމެން މިއަދާ ހަމައަށް އެއްވެސް އެއްޗެއް ބުނެފައި އެއް ނޯންނާނެ. ނަމަވެސް މިއަދުގެ ސަރުކާރުން ކަންތައް ކުރަމުންދާ ގޮތުގެ ވާހަކަ ހިތްހަމަނުޖެހިގެން ރައްޔިތުން އަންނަނީ ދައްކަމުން،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރުކާރު ހިންގަމުން އަންނަނީ ޕީޕީއެމުންތޯ ނުވަތަ ޕީއޭ އިންތޯ ރައްޔިތުން ސުވާލު ކުރަމުންދާ ކަމަށެވެ. އަމީން ވިދާޅުވީ މިއަދުގެ ސަރުކާރުން ކަންތައްތައް ކުރަމުން އަންނަނީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިއަދު ޖޭޕީ އިން ނިންމި ނިންމުމަކީ ފަހުގެ ތާރީހެއްގައި އެޕާޓީ އިން ނިންމި އެންމެ މުހިއްމު ނިންމުން ކަމަށެވެ.

"ސަބަބަކީ ގާނޫނު އަސާސީ އެގޮތަށް ބައްޓަންކޮށް ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި ބޭފުޅެއް ގާސިމް އިބްރާހިމަކީ. އެހެންވީމަ ގާނޫނު އަސާސީގެ ހަމަތަކާއި އުސޫލުތައް މުގުރާލާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ވެސް ގާނޫނު ހަދައިގެން ވެސް އެކި އެކި ބޭބޭފުޅުން މަގާމުތަކުން ވަކި ކުރައްވަމުން އެގެންދަވަނީ،" ޑރ. ހުސައިން ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޑރ. ހުސައިން ވަނީ 65 އަހަރުން މަތީ މީހުންނަށް ރާއްޖޭގެ ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށް ފާސްކުރަން ޕީޕީއެމްގެ ބޭފުޅުން މަސައްކަތް ކުރައްވާތީ އެކަމަށް ފާޑު ވިދާޅުވެ ވަހަކަފުޅުދައްކަވާފައި އެވެ. ޑރ. ހުސައިން ވިދާޅުވީ އެކަމުން ވެސް ދޭހަވެގެން ދަނީ ގާނޫނު އަސާސީން ދީފައި ހުރި ހައްގުތަކާއި މިނިވަންކަން "ހުދޫދުކުރެވޭ ގޮތަށް ފާސްކުރެވުމުންދާތަން" ކަމަށެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި ނެތް ރައީސްކަމަށް ކުރިމަތިލެވޭ މަތީ އުމުރެއް ފާސްކޮށްފައި އެއް. މިރާއްޖެއިން ކީއްވެގެންވާއޭ އުފެދޭ ސުވާލަކީ ވަކި ބަޔަކަށް ރައީސްކަމަށް ކުރިމަތި ނުލެވޭ ގޮތަށް ހުދޫދުކޮށް އެކަމެއް ކުރަން މަޖިލިސް ގެއިން ފާސްކުރަން މަސައްކަތް މި ކުރަނީ. ނޫނީ ގާނޫނު އަސާސީ ވަކިގޮތަކަށް އިސްލާހު ކުރަން މަސައްކަތް ކުރަނީ،" ޑރ. ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީީހުގެ ރައީސް އާއި ނައިބު ރައީސް ކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހެޅުއްވުމާ ގުޅިގެން، ޕީޕީއެމާއި ޖުމްހޫރީޕާޓީއާއެކު ގާއިމުކޮށްފައިވާ ކޯލިޝަން ރޫޅިއްޖެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ކޯލިޝަންގެ ސަރުކާރުގައި ޖޭޕީ އަށް ކެބިނެޓްގެ ހަތަރު ސްލޮޓެއް ވަނީ ދީފަ އެވެ. އޭގެތެރޭގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގެންނަވަ އެވެ. ޖޭޕީއަށް ސަރުކާރުގައި 30 ޕަސެންޓް ހިއްސާ ވަނީ ދީފަ އެވެ. ނަމަވެސް އޭގެ ތެރެއިން އަމީން މަގާމުން ވަކިކުރައްވާފައިވާއިރު ސައީދު އާއި ތޯރިގް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.