24 Jan 2015, 15:16
މުވާސަލާތީ ކުންފުނި އުރީދޫގެ ޕޯސްޕެއިޑް ޕެކޭޖްތަކުން ފޯނު ކޯލްތަކަށް ޗާޖުކުރާ އަގު ބޮޑުކޮށްފި އެވެ. ހަމައެހެންމެ އެބަދަލާއެކު ދެ ނެޓްވޯކަށް އެއް އަގެއްގައި ގުޅެއެވެ.
އުރީދޫއިން 'ސަން' އާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އުރީދޫގެ ޕޯސްޕެއިޑްތަކުގެ ތެރެއިން 999 ރުފިޔާގެ ޕްލޭން ނޫން އެހެން ހުރިހާ ޕްލޭނެއްގެ ކޯލްތަކަށް ޗާޖުކުރާ އަގުތަކަށް ވަނީ ބަދަލުތައް ގެނެސްފައެވެ. އަދި 149 ރުފިޔާ އާއި 249 ރުފިޔާގެ އިތުރުން 399 ރުފިޔާގެ ޕްލޭންގެ އޮފްޕީކް ގަޑިތަކުގައި ޗާޖު ވަނީ ކަނޑާލާފަ އެވެ. އެގޮތުން ހުރިހާ ވަގުތުތަކެއްގައި ދެ ނެޓުވޯކްގެ ނަމްބަރުތަކަށް ވެސް މިނަޓަކަށް އެއް މިންވަރަކުން ޗާޖް ކުރަން ވަނީ ފަށާފަ އެވެ.
އުރީދޫ އިން ކުރިން 149 ރުފިޔާގެ ޕްލޭންއިން އޮފްޕީކް ގަޑީގައި މިނެޓަކަށް 79 ލާރިއަށް ގުޅޭ އިރު މިހާރު ހުރިހާ ވަގުތެއްގައި ވެސް ގުޅަން މިނެޓަކަށް 99 ލާރި ޗާޖް ކުރެ އެވެ. އަދި 249 ރުފިޔާގެ ޕްލޭނުން އޮފްޕީކް ގަޑިތަކުގައި މިނެޓަކަށް 55 ލާރިއަށް ގުޅޭ އިރު މިހާރު ގުޅެނީ މިނެޓަކަށް 90 ލާރިއަށެވެ. މީގެ އިތުރުން، 399 ރުފިޔާގެ ޕެކޭޖްގައި އޮފްޕީކް ގަޑީގައި މިނެޓަކަށް 55 ލާރިއަށް ގުޅޭ އިރު މިހާރު ހުރިހާ ގަޑިތަކެއްގައި ވެސް ޗާޖްކުރަނީ މިނެޓަކަށް 85 ލާރި އެވެ. ދެ ނެޓްވޯކަށް ގުޅިނަމަވެސް ޗާޖްކުރާނީ އެމިންވަރަށެވެ.
ޕޯސްޕެއިޑުގެ އެހެން ޕްލޭންތައް ކަމަށްވާ 499 ރުފިޔާ އިން ފެށިގެން ގޮސް 899 ޕްލޭނާއި ހަމައަށް ކުރިން ޕީކް ވަގުތުތަކުގައި 20 ލާރިއަށް ފޯން ކުރެވޭއިރު އޮފް ޕީކް ވަގުތުތަކުގައި ދިރާގުގެ ނަމްބަރުތަކަށް 55 ލާރިއަށް ފޯނު ކުރެވެ އެވެ. ނަމަވެސް ފަހުން ގެނައި ބަދަލާއެކު އެޕެކޭޖްތަކުން ފޯނު ކުރުމަށް ނަގާ ޖާޗް ވަނީ ހުރިހާ ވަގުތެއްގައި 85 ލާރި ޗާޖް ކުރާގޮތަށް ބަދަލުކޮށްފަ އެވެ.
ޕޯސްޕެއިޑް ޕެޖޭކްތަކުގެ ތެރެއިން 999 ރުފިޔާގެ ޕްލޭން އަށް އުރީދޫއިން ފަހުން ގެނައި ބަދަލާ އެކު ކުރިން 55 ލާރިއަށް ދިރާގުގެ ނަމްބަރުތަކަށް ގުޅޭއިރު މިހާރު ޗާޖްކުރާ އިރު މިހާރު ޗާޖް ކުރަނީ 49 ލާރި އެވެ.
އުރީދޫގެ ސީނިއާ ޝްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހްމަދު ދީދީ ވިދާޅުވީ މިމަހު ގެނައި އެބަދަލުގެ މައުލޫމާތުތައް ކަސްޓަމަރުންނަށް އެސްއެމްއެސްގެ ޒަރީއާއިން ފޮނުވާފައިވާނެ ކަމަށެވެ. އަދި އަލަށް ބަދަލު ގެނެއީ އުރީދޫ ކަސްޓަމަރުން ބޭނުން ކުރާ ގޮތަށް ބަލާފައި ދެ ނެޓްވޯކަަށް ވެސް އެއް އަގެއްގައި ގުޅޭނެ ގޮތަށް މަރިޔަމް އަހްމަދު ދީދީ ވިދާޅުވި އެވެ.
"އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް ޕެކޭޖުތަކެެއްގައިވެސް ބޮޑު އެލަވަންސްތަކެއް ވަނީ ހިމަނާފައި، އަދި ޕެކޭޖުތަކުގެ އެލަވަންސް، ވަނީ މިދިޔަ ނޮވެމްބަރު ގައި ބޮޑުކޮށްފައި، އަދި ކޮންމެ ޕެކޭޖެއްގައިވެސް ހިލޭ މިނެޓްތައް ބޭނުންކޮށްގެން ރާއްޖޭގެ ލޯކަލް ހުރިހާ ނަންބަރުތަކަށް ގުޅޭނެ." އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނިގޮތުގައި ޕޯސްޓްޕެއިޑް ޕެކޭޖުތަކުގައި ހިމެނޭ ހިލޭ މިނެޓް ހުސްވުމުން ޗާޖުކުރާ ރޭޓްތަކަށް ބަދަލުއައިސްފައިވީ ނަމަވެސް އެރޭޓުތަކަކީ އަދިވެސް ރާއްޖޭގެ ޕޯސްޓްޕެއިޑަށް އެންމެ ހެޔޮ ރޭޓުތައް ކަމަށެވެ.