09 Feb 2011, 00:21
ޤާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ ކުޑަކުދިންގެ މުއާހަދާއިން ކަށަވަރުކޮށްދޭ ރައްކާތެރިކަމާއި ތައުލީމީ ފުރުސަތުތަކާއި ނަފްސާނީ އަދި ޖިސްމާނީ ކުރިއެރުމުގެ ފުރުސަތުތައް އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓުގައި މިއަދު ދައުވާކޮށްފި އެވެ.
އަރަބިއްޔާގެ ބެލެނިވެރިންނާއި ޕީޓީއޭގެ 19 މީހެއްގެ ފަރާތުން އެ ދައުވާ ސިވިލް ކޯޓުގައި ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމް އަވަންޓް ގާޑް ލޯޔާސްގެ ފަރާތުންނެވެ.
ސިވިލް ކޯޓުގައި އަރަބިއްޔާ މައްސަލައިގެ ދައުވާ ހުށަހަޅުއްވަމުން އާޒިމާ މިއަދު ވިދާޅުވީ، އަރަބިއްޔާ ސްކޫލްގައި ލައިބްރަރީ އާއި ކޮމްޕިއުޓާ ލެބާއި ސައިންސް ލެބްގެ ޚިދުމަތްތައް ނެތް ކަމަށާއި އެ ވަސީލަތްތަކަކީ އެހެން ސްކޫލްތަކުގެ ކުދިންނަށް ވެސް ލިބޭ ހަމަޔަކުން އަރަބިއްޔާގެ ދަރިވަރުންނަށް ވެސް ދައުލަތުގެ ޚަރަދުގައި ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ކަމަށެވެ. އަދި އެ ވަސީލަތްތަކުގެ އިތުރުން، އަރަބިއްޔާ ދަރިވަރުންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ތައުލީމީ ފުރުސަތުތައް އިތުރުކުރުމަށް ބޭނުންވާ ހަރަކާތްތައް ހިންގުމުގެ މަގު ތަނަސްވާން ޖެހޭ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ލައިބްރަރީ އާއި ކޮމްޕިއުޓާ ލެބާއި ސައިންސް ލެބްގެ ޚިދުމަތްތަކާއި އެ ދަރިވަރުން ކިޔަވާ އިމާރާތުގެ ޖާގަ އާއި އެހެނިހެން ވަސީލަތްތައް ލިބިދޭން ޖެހޭނެ ކަމަށް ކަނޑައަޅުއްވައި، އެކަމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދެއްވުމަށް އާޒިމާގެ ދައުވާގައި އެދިވަޑައިގެންފައިވެ އެވެ.
އަރަބިއްޔާ ސްކޫލް ކުރިން ހިންގަމުން ދިޔަ ބިން ސަރުކާރަށް ނަގަން ނިންމައި، އޭގެ ބަދަލުގައި އަރަބިއްޔާ ސްކޫލް އަޅަން އުޅޭ ކުރީގެ އީޕީއޭސް ބިމަކީ "އެތައް ތަނަކުން" ކުޑަ ބިމެއް ކަމަށް ބުނެ، އެ މައްސަލަ އަރަބިއްޔާގެ ބެލެނިވެރިން ކޯޓަށް ވައްދާފައި ވަނީ ސަރުކާރާ އެކު ކުރި މަޝްވަރާތައް ފެއިލްވުމުންނެވެ.
ކުރީގެ އީޕީއެސް ހިންގި ބިމުގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ބިންގާ ވެސް ސަރުކާރުން މިހާރު ވަނީ އަޅައިފަ އެވެ. ނަމަވެސް، އަރަބިއްޔާގެ ގިނަ ބެލެނިވެރިންތަކެއް ވަނީ އެ ނިންމުމާ ދެކޮޅު ހަދައިފަ އެވެ.