ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ މި އަހަރުގެ ދެވަނަ ބައްދަލުވުން ބާއްވަން ވާނީ އެ ދުވަހަށް ކަނޑައެޅިފައިވާ އެޖެންޑާއާ އެއްގޮތަށް ކަމަށް އެޓާނީ ޖެނެރެލް (އޭޖީ)ގެ އޮފީހުން ބުނެފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިހެން ބުނެފައި ވަނީ އެލްޖީއޭގެ މި އަހަރުގެ ދެވަނަ ބައްދަލުވުން އެޖެންޑާކޮށްފައިވާ ގޮތާއި އެ ބައްދަލުވުމާ ގުޅިގެން ހިލާފު އުފެދިފައިވާ ކަންތައްތަކާއި ގުޅޭ ގޮތުން ކުރިއަށްވަޑައިގަންނަވާނެ ގޮތެއްގެ ލަފައަކަށް އެދިފައިވާތީ އެޓާނީ ޖެނެރަލްގެ އޮފީހުން އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު އަހުމަދަށް ފޮނުއްވި ސިޓީއެއްގައި އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސޮއިކުރައްވައި އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރަށް ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ ބެލި ބެލުމުގައި ނުކުތާތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 14 ވަނަ ދުވަހަށް ތާވަލު ކުރި އެލްޖީއޭގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުމުގެ ކޯރަމް ހަމަނުވުމާ ގުޅިގެން އެ ބައްދަލުވުން ބޭއްވޭ ގޮތް ނުވެ، މި މަހުގެ 15ވަނަ ދުވަހަށް ތާވަލްކޮށްފައިވާ ބައްދަލުވުމުގައި 14 ވަނަ ދުވަހުގެ އެޖެންޑާ ހިންގެވުމަށް ނިންމާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މި މަހުގެ 15 ވަނަ ދުވަހު ތާވަލްކުރި އެލްޖީއޭގެ މި އަހަރުގެ ދެވަނަ ބައްދަލުވުމަކީ އެ އޮތޯރިޓީގެ ހިންގާ ގަވާއިދުގެ 11ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަމްބަރުގެ ދަށުން އެ އޮތޯރިޓީގެ މެންބަރުންގެ ތެރެއިން ތިންބައިކުޅަ މެންބަރުންގެ ތާއީދާއެކު މެންބަރަކު ބައްދަލުވުމެއް ބާއްވަން އެދުމުން ތާވަލްކުރެވުނު ބައްދަލުވުމެއްކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައި ފާހަގަކޮށްފައިވާ ހަ ނުކުތާތަކުގެ ތެރެއިން އިތުރު ނުކުތާއެއްގައި ބުނެފައި ވަނީ އެލްޖީއޭ އިން ބޭއްވުމަށް ތާވަލުކޮށްފައިވާ މި އަހަރުގެ ދެވަނަ ބައްދަލުވުމުގެ އެޖެންޑާގެ ބަދަލުގައި އެލްޖީއޭ އިން ބޭއްވި މި އަހަރުގެ ފުރަތަމަ ބައްދަލުވުމުގެ އެޖެންޑާ ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހަމައެއާ އެކު އެ ދުވަހުގެ އެޖެންޑާ މެމްބަރުންނަށް ފޮނުވާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގައި ކަމުން ހިންގާ ގަވާއިދުގެ 17ވަނަ މާއްދާ (ޅ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދެ ދުވަހުގެ ނޯޓިސްއެއް ދީފައިނުވާ ކަމަށެވެ.

މި މަހުގެ 15ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ ބައްދަލުވުމުގައި އެޖެންޑާކޮށްފައި ވަނީ އޭރު އެލްޖީއޭގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑު މުހައްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. އެހެންނަމަވެސް އެލްޖީއޭ އިން ބުނީ އެ މައްސަލަ އެ ދުވަހަށް އެޖެންޑާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ބައްދަލުވުމަށް އެމައްސަލަ އެޖެންޑާ ކޮށްފައިނެތުމުން ކަމަށް ބުނެ ޖަލްސާ "ހޫނު"ވެ ޖަލްސާ ވަނީ އެދުވަހު ނިންމާލައިފައި އެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ ވޯޓުނެގުމަށް ނިންމި ދުވަހު ވެސް ވަނީ އެލްޖީއޭ ބޯޑުމެމްބަރުންގެ ބައްދަލުވުމުގެ އެޖެންޑާ އިން ބޭރުކޮށްލައިފަ އެވެ.