ބްރެޒިލްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޒުވާން މިޑްފިލްޑަރު ލުކަސް ސިލްވާ ޔޫރަޕިއަން ލީގުގެ ޗެމްޕިއަން، ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ. ލުކަސް އެ ކްލަބާ ގުޅުނުކަން ރެއާލުން ވަނީ އިއްޔެ އިއުލާން ކޮށްފައެވެ.

ބްރެޒިލްގެ ކްލަބެއް ކަމަށްވާ ކުރޫޒެއިރޯ އަށް ކުޅެމުން އައި ލުކަސް، ފަސް އަހަރާ ހަ މަސްދުވަހުގެ އެއްބަސްވުމެއްގައި ރެއާލް އަށް ސޮއިކޮށްފައިވަނީ ކިހާވަރެއްގެ ފީއަކަށް ކަމެއް އަދި އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ލުކަސް ރެއާލްއަށް ސޮއިކޮށްފައިވަނީ 14 މިލިއަން ޑޮލަރަށެވެ.

ލުކަސް ރެއާލްގެ ޖާޒީގައި އެ ކްލަބުގެ ސަޕޯޓަރުންނަށް ދައްކާލަން ހަމަޖެހިފައިވަނީ މެޑިކަލް ޓެސްޓުތަކެއް ހެދުމަށް ފަހު އަންނަ ހޯމަ ދުވަހު ކަމަށް ރެއާލްއިން ބުނެއެވެ.

ބްރެޒިލް ލީގު ގައި ވާދަކުރަމުން އަންނަ ކްރޫޒެއިރޯ އަށް 2012 ވަނަ އަހަރު ކުޅެންފެށި ލުކަސް ވަނީ އެ ކްލަބަށް 58 މެޗް ކުޅެދީ ތިން ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި ކްރޫޒެއިރޯ އަށް ވޭތުވެދިޔަ ދެ އަހަރުގެ ލީގު ވެސް ކާމިޔަބު ކޮށްދިނުމުގައި މުހިންމު ދައުރެއް ލުކަސް އަދާކޮށްދީފައިވެ އެވެ.

ލުކަސް ރެއާލް އަށް ސޮއިކޮށްފައިވާއިރު، ނޯވޭގެ 16 އަހަރުގެ ޒުވާން މިޑްފިލްޑަރު، މާޓިން އޮޑެގާޑް ވެސް ވަނީ މިހަފްތާގެ ކުރީކޮޅު ރެއާލްއަށް ސޮއިކޮށްފަ އެވެ. އޭނާ އޮޑެގާޑް ރެއާލް މެޑްރިޑަށް ސޮއިކޮށްފައި ވަނީ 2.3 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ.