24 Jan 2015, 14:31
ބިިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލަށް ގެނައި، އެމެރިކާގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރި، ޓީޗަރަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ބިލަބޮންގް ސްކޫލް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު އަދުލީ ރަޝީދު ވިދާޅުވީ، ދިރާސީ އާ އަހަރަށް އެ ސްކޫލުގެ ގްރޭޑް އެކަކަށް އިނގިރޭސި ކިޔަވައިދޭން ގެނައި އެމެރިކާގެ ލައުރާ މެކޯން އަށް އެ ސްކޫލުން ވަޒީފާ ދިނީ، ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް އެގައުމުގެ ކޯޓުން ނިންމިކަމުގެ ލިޔުންތައް ސްކޫލަށް ހުށަހެޅުމުން ކަމަށެވެ.
"ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ބެލެނިވެރިޔަކު ކުރި ތުހުމަތެެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައި. ނަމަވެސް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތެއް ނުވޭ. އޭނާއަކީ ކޯޓުން ކްލިއާ ކޮށްފައި ހުރި މީހެއް. އިނޮސެންޓް މީހެއް ކަމުގެ ލިޔުންތައް އޭނާ ވަނީ ހުށަހަޅާފަ،" އަދްލީ ވިދާޅުވި އެވެ.
އެމެރިކާގެ ނޫހެއްގައި ބުނެފައިވާ ގޮތުން ލޯރާ ހައްޔަރުކޮށްފައިވަނީ އޭނާ ކުރިން ކިޔަވައިދިން އެމެރިކާގެ ސައުތް ޖެކްސަން އެލެމެންޓްރީ ސްކޫލުގެ އުމުރުން ހަ އަހަރާއި ފަސް އަހަރުގެ ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ބެލެނިވެރިންތަކެއް ކުރި ތުހުމަތެއްގައި މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
އެ މައްސަލާގައި ލޯރާގެ މައްޗަށް ކުރި ތުހުމަތާ ދެކޮޅަށް ބައެއް ބެލެނިވެރިން ވަނީ އޭނާއަކީ ހިތްހެޔޮ ޓީޗަރެއް ކަމަށް ބުނެ ފޭސްބުކް ޕޭޖެއްގައި ވާހަކަދައްކާފަ އެވެ.
އަދްލީ ވިދާޅުވީ، ލޯރާގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ކަންބޮޑުވުންތަކެއް ހުރުމުން އޭނާ ހުށަހެޅި ލިޔެކިޔުންތައް މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައިވަ ކަމަށެވެ. އަދި އޭނާ ސްކޫލް ދޫކޮށްފައި ދިޔައީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭނާގެ ތުހުމަތު ތަކާ ގުޅިގެން ބިލަބޮންގްގެ ބެލެނިވެރިން އޭނާ އަށް އެވާހަކަތައް ދެއްކި. އަދި އެކަމާ ލޯރާ އަންސެޓަލް [ހިތްނުތަނަވަސްވެގެން] ވެގެން ކަމަށް ބެލެވެނީ އަޅުނގަޑުމެންނަށް އެޕްރޯޗްކުރި[ އެވާހަކަ ދެއްކީ]. އަދި ލޯރާ ފުރައިގެން ދިޔައީ އޭނާ ބޭނުންވެގެން. އަދި އަޅުނގަޑުމެން ވެސް ބުނިން ބެލެނިވެރިންގެ އެކަހަލަ ހިޔާލުތަކެއް އުޅޭ ނަމަ ރަނގަޅުވާނީ އެގޮތް ކަމަށް،" އަދުލީ ވިދާޅުވި އެވެ.