ޕީޕަލްސް ކަޕްގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި މިރޭ ޕީޑީއާރްއެމްއާ ދެކޮޅަށް އެ ޓީމް ނިކުންނައިރު، ޕީޑީއާރްއެމްގައި ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހުރުމުން ހާސް ނުވާކަމަށް މާޒިޔާގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި ގޯލް ކީޕަރުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިމްރާން ބުނީ މިރޭގެ މެޗަށް ނިކުންނައިރު އިދިކޮޅު ޓީމުގައި ދަގަނޑޭ ހުރުމުން އޭނާއަށް ވަކިން ޚާއްސަ އިސްކަމެއް ދީގެން ނުކުޅޭނެ ކަމަށެވެ. އަދި ދަގަނޑޭއާ އެކު މީގެ ކުރިންވެސް ކުޅެފައި ވާނެ ކަމަށާއި، އޭނާއާ އިދިކޮޅަށް ވިޔަސް މެޗަށް ނިކުންނާނީ މޮޅުވާން ކަމަށް އިމްރާން ބުންޏެވެ.

"ދަގަނޑޭއަކީ މި ސަރަހައްދުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމާމެދު އެކަކުވެސް ދެބަހެއް ނުވާނެ. ދަގަނޑޭއާ އެއްކޮޅަށްވެސް އަދި އިދިކޮޅަށްވެސް މީގެ ކުރިން ކުޅުނިން. މި މެޗުގައި އޭނާއާ ކުރިމަތިލާން ވަކި ހާހެއް ނުވޭ. އަދި ދަގަނޑޭއަށް ވަކިން ހާއްސަ އިސްކަމެއް ދީގެނެއްވެސް ނުކުޅޭނަން. މެޗަށް ނިކުންނާނީ ހަމަ މޮޅުވާން،" ސަން އަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުންޏެވެ.

އިމްރާން ބުނީ ކުޅޭ ކޮންމެ މެޗަކަށްވެސް އޭނާ ނިކުންނަނީ މޮޅުވާން ކަމަށާއި، އެގޮތުން މި ސީޒަންގައި އޭނާގެ އަމާޒަކީ މާޒިޔާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

"ބަލިވާކަށް ނޫން އެއްވެސް މެޗަކަށް ނިކުންނަނީ. ނަމަވެސް ކުރެވޭނީ މަސައްކަތް. އުންމީދަކީ މި މެޗުގެ އިތުރުން މި މުބާރާތްވެސް މާޒިޔާއާ އެކު ކާމިޔާބު ކުރެވޭނެ ކަމަށް. އަދި މެޗުގައި އެހެން ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔުން. މި ސީޒަންގައި މާޒިޔާއަށް ގިނަ ކާމިޔާބީތަކެއް ހޯދަދޭން ބޭނުން، އަދި އެކަމަށް ވަރަށް މަސައްކަތް ކުރާނަން،" އިމްރާން ބުންޏެވެ.

އޭގެ އިތުރުން ޕީޕަލްސް ކަޕްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި، ސިންގަޕޯރ ލަޔަންސްގެ މައްޗަށް އެ ޓީމަށް ހޯދުނު ކާމިޔާބީއަކީ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ބުރަ މަސައްކަތުގެ އިތުރުން ސަޕޯޓަރުންގެ ސަޕޯޓާ އެކު ހޯދުނު ކާމިޔާބީއެއްކަމަށް އިމްރާން ބުންޏެވެ.

"ތައްޔާރުވާން ލިބުނު ކުޑަ ވަގުތުކޮޅާ ބަލާފަ އެ ކާމިޔާބީއާ މެދު ވަރަށް ހިންހަމަ ޖެހޭ. ނަމަވެސް އެއީ ޓީމްގެ ކުޅުންތެރިންގެ އިތުރުން މެނޭޖްމަންޓުވެސް ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ހޯދުނު ކާމިޔާބީއެއް. އޭގެ އިތުރުން ޓީމްގެ ސަޕޯޓަރުން ޓީމަށް ދިން ސަޕޯޓް ވަރަށް ފާހަގަ ކޮށްލަން ޖެހޭ. މިރޭގެ މެޗުގައިވެސް ހަމަ އެފަދައިން މާޒިޔާގެ ސަޕޯޓަރުން ޓީމަށް ސަޕޯޓު ދޭނެ ކަމަށް އުންމީދު ކުރަން،" އިމްރާން ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމްގެ ގޯލްކީޕަރުކަންވެސް އަދާ ކުރަމުން އަންނަ އިމްރާން މާޒިޔާއާ ގުޅިފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެ ކުރިން ނިއުރޭޑިއެންޓުގައި އެ ޓީމްގެ ކެޕްޓަންކަން އަދާކުރި އިމްރާން ވަނީ، މާޒިޔާ ކުޅުނު ސީޒަންގެ ފުރަތަމަ މެޗުގައި ލަޔަންސްއާ ދެކޮޅަށް ހުނަރުވެރި ސޭވްތަކެއް ކޮށްފައެވެ.