އެއް ގައުމުން އަނެއް ގައުމުގެ ކަނޑުގެ ސަރަހައްދުން މަސައްވެރިކަންކޮށް ހައްޔަރުކޮށްފައި ތިބި އިންޑިއާގެ މަސްވެރިންނާއި ސްރީލަންކާގެ މަސްވެރިން ބަދަލުކޮށްފި އެވެ.

ލަންކާގެ މެރިންލިންކުން ބުނި ގޮތުގައި ސްރީލަންކާގެ ޖަލުތަކުގައި ތިބި އިންޑިއާގެ 15 ގައިދީއަކު މިނިވަންކޮށް، އިންޑިއާގެ ރަސްމީ ފަރާތްތަކާ ހަވާލު ކުރި އިރު، އިންޑިއާގެ ޖަލުތަކުގައި ލަންކާގެ 10 މަސްވެރިޔަކު ވަނީ މިނިވަންކޮށް ލަންކާގެ ކޯސްޓްގާޑާ ހަވާލުކޮށްފަ އެވެ.

އިންޑިއާގެ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުގެ މަސްވެރިން ބަދަލު ކުރީ އިންޑިއާ އާުއި ލަންކާގެ ކަނޑުގެ ސަރަހައްދީ ރޮނގުން ކަމަށެވެ.

ސްރީލަންކާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު މަންގަލާ ސަމަރަވީރާ މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސަވްރުޖާއާ މިދިޔަ އާދީއްތަ ދުވަހު އިންޑިއާގައި ބައްދަލު ކުރައްވައި ވިދާޅުވީ ސްރީލަންކާގައި ހިފަހައްޓާފައިި ހުރި އިންޑިއާ މަސްވެރިންގެ 87 ބޯޓު އަނބުރާ ހަވާލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށެވެ.