ލ. ގަމު ކައުންސިލް އިދާރާގެ ބައެއް ކައުންސިލަރުންގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އެ އިދާރާ ފުލުހުން ބަލައި ފާސްކުރަން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިއަދު ގަމު ކައުންސިލް އިދާރާ އަށް ކޯޓު އަމުރެއްގެ ދަށުން ވަދެފައި ވަނީ އެ ރަށުން ގޯތި ދުކުރުމުގައި ކައުންސިލްގެ ބައެއް މެމްބަރުންނާ ގުޅުން ހުރި ފަރާތްތަކަށް ގޯތި ދޫކުރަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ.

ކައުންސިލް އިދާރާ ފާސް ކުރުމުގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ބައެއް ކައުންސިލަރުންގެ ގެތައް ވެސް ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭ ކައުންސިލްގެ ރައީސް ދިރިއުޅުއްވާ ގެވެސް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގަމު ކައުންސިލް އިދާރާ އިން ހުށަހެޅި ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެއިދާރާ ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ.

ގަމު ކައުންސިލް އިދާރާގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކައުންސިލް އިދާރާ އަށް ވަދެ ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ. އަދި އޭނާ އަށް ވެސް ކައުންސިލް އިދާރާތެރެއަށް ވަނުމުގެ ހުއްދަ ވެސް ދިފައިނުވާ ކަމަށެވެ. ފުލުހުން ވަދެ ފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގޭ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.