24 Jan 2015, 12:09
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫއާއި އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށް އެގައުމުގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ދެ މަޝްރޫއުގެ ކަންތައްތައް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށް ރާއްޖޭން ޗައިނާއަށް ކަނޑައެޅި ސަފީރު މުހައްމަދު ފައިސަލް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސަށް ހުށަހެޅުއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ޒީ ވިދާޅުވި ކަމަށެވެ.
ފައިސަލް ސަފީރުކަމުގެ ފަތްކޮޅު ޒީއަށް ހުށަހެޅުއްވުމުގެ ރަސްމިއްޔާތު އޮތީ މިދިޔަ ބުރާސްފަތި ދުވަހު ބެއިޖިންގެ ޕީޕަލްސް ހޯލްގަ އެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒީ ވިދާޅުވެފައި ވަނީ ހުރިހާ ވަގުތެއްގައި ވެސް ރާއްޖެ އަށް އެހީވުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ސަފީރު ފައިސަލް ވަނީ ރާއްޖެ އަށް ޗައިނާ ސަރުކާރުން ވަމުން އަންނަ އެހީތެރިކަމަށް ޓަކައި ޒީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ފަރާތްޕުޅުން ވެސް އޭނާ ޒީއަށް ޝުކުރުއަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.