24 Jan 2015, 12:06
ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އިންޓާ މިލާންގެ ޒަލަޓަން އިބްރަހިމޮވިކް އާއި ޔުވެންޓަސްގެ ޕޯލް ޕޮގްބާ އަދި ލިވަޕޫލްގެ މާރިއޯ ބަލެޓޮލީއަށް އޭޖެންޓުކަން ކޮށްދެމުން އަންނަ މައްޝޫރު ފުޓްބޯޅަ އޭޖެންޓް މިނޯ ރަޔޯލާ ފީފާގެ ރައީސްކަމަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ރަޔޯލާ ބުނީ މިހާރު ފީފާގެ ރައީސްކަން ކުރަމުންދާ ސެޕް ބްލެޓާ އެ އިދާރައިގެ ރައީސްކަމަށް ފަސް ވަނަ ފަހަރަކަށް ހޮވިގެން ދިޔުމުގެ ހިޔާލަކީ އޭނާ "ފަކުރު ގަންނަ" ވަރުގެ ހިޔާލެއް ކަމަށެވެ. އަދި ފީފާއާ ވަކިން ޚާއްސަކޮށް ބްލެޓާ މިހާރު ފުޓްބޯޅައާ މެދު ކަންތައް ކުރަމުން އަންނަ ގޮތް އޭނާ ބަލައި ނުގަންނަ ކަމަށާއި، އެކަމާ ދެކޮޅަށް މިހާރު އަމަލު ކުރަން ވެއްޖެ ކަމަށް ރަޔޯލާ ބުންޏެވެ.
"އަންނަ އިންތިހާބުގައި ބްލެޓާ އަނެއްކާވެސް ފީފާގެ ރައީސްކަމަށް ހޮވިގެން ދިޔުމަކީ އަހަރެން ފަކުރު ގަންނަ ބަރުގެ ހިޔާލެއް. ފީފާއަށް ފާޑު ކިޔަންވީ ވަގުތު މިހާރު ފަހަނަ އަޅާ ގޮސްފި. މިއީ އަމަލީ ގޮތުން މަސައްކަތް ކުރަންވީ ވަގުތު. އެ އިދާރާގައި ޑިމޮކްރަސީ އާއި ޓްރާންސްޕޭރެންސީގެ އުސޫލުތައް އަށަގަންނަވަންވީ ވަގުތަކީ މިއީ،" ރަޔޯލާ ބުންޏެވެ.
ރަޔޯލާ ބުނީ ސަޕޯޓަރުންނާއި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން އާ ކުޅުންތެރިންނަށްވެސް ފީފާ ޚިދުމަތް ކޮށްދޭން ޖެހޭ ކަމަށާއި، ނަމަވެސް އެ ފަރާތަކަށް ފީފާގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބޭ ކަމަށެވެ. އަދި ބައެއް ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތައް އަދިވެސް ބްލެޓާއަށް ވޯޓު ދިނުމަކީ އުތުރު ކޮރެއާއަށް ވޯޓު ދިނުން ފަދަ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ފީފާ އަކީ ސްޕޯޓަރުންނާއި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން އާ ކުޅުންތެރިންނަށްވެސް އިސްކަން ދޭން ޖެހޭ އިދާރާއެއް. ނަމަވެސް ފީފާއިން އޭގެ އެއްވެސް ބަޔަކަށް އިސްކަން ދޭތަނެއް ނުފެނޭ. ބައެއް ގައުމުތަކުގެ އެފްއޭއިން ބްލެޓާއަށް އަދިވެސް ސަޕޯޓު ކުރާ ކަމީ ސިކުނޑި ގަބޫލުކުރަން ދަތި ކަމެއް. ބްލެޓާއަށް ވޯޓު ދިނުމަކީ އުތުރު ކޮރެއާއަށް ވޯޓު ދިނުން. އަދި އަހަންނަށް ވޯޓު ދިނުމަކީ ދެކުނު ކޮރެއާއަށް ވޯޓު ދިނުން،" ރަޔޯލާ ބުންޏެވެ.
ފީފާގެ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކެނޑިޑޭޓުކަން ފީފާއިން ބަލައިގަންނަނީ ފަސް ގައުމެއްގެ އެފްއޭއިން ރައީސްކަމަށް ކުރިމަތިލާ ފާރާތައް ތާއީދު އޮތް ކަމަށް އަންގައިދޭ ސިޓީ އެ ފަރާތުން ފީފާއަށް ހުށައެޅުމުންނެވެ. އަދި އެ އިދާރައިގެ ރައީސް ކަމަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ދެ އަހަރު ފުޓްބޯޅައިގެ އިދާރީ ކަންކަމުގައި ހަރަކާތްތެރި ވެފައިވާ ފަރާތަކަށްވެސް ވާން ޖެހެއެވެ.
އެކަމާ ގުޅޭ ގޮތުން 20 ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކާ މަޝްވަރާ ކޮށްފައި ވާކަމަށް އިޓަލީއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ރަޔޯލާ ވަނީ ބުނެފައެވެ. އަދި މިފަހަރު އެ މަގާމަށް ނުހޮވުނު ކަމުގައި ވިނަމަވެސް ކުރިއަށް ދެން އެންމެ އަވަހަށް އޮތް އިންތިހާބުގައިވެސް އެ މަގާމަށް ކުރިމަތިލާނެކަން ރަޔޯލާ ވަނީ ހާމަކޮށްފައެވެ.
ރަޔޯލާގެ އިތުރުން އުރުދުން އެފްއޭގެ ކުރީގެ ޗެއާމަން އަދި މިހާރު ފީފާގެ ނައިބު ރައީސްކަން އަދާ ކުރަމުންދާ އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސެއިން އާއި ކުރީގެ ފީފާގެ ޑެޕިއުޓީ ސެކްރެޓެރީ ޖެނެރަލްކަން ކުރި ފްރާންސްގެ ޖެރޯމް ޝެންޕޭންވެސް ވަނީ އެ މަގާމަށް މިފަހަރު ކުރިމަތިލާފައެވެ.