މޮބައިލް ފޯނާއި އައިޕެޑް ފަދަ ސްމާޓް ޑިވައިސްތައް މެދުވެރިކޮށް ޓީވީ ޗެނަލްތައް ބަލާލެވޭ ޚިދުމަތެއް އުރީދޫ އިން މިއަދު ތައާރަފުކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ކޭބަލް ޓީވީ ޚިދުމަތް ދިނުމުގެ ލައިސަންސް ލިބުނު ޕްލޭ ކާސްޓް މޯލްޑިވްސް އާ ގުޅިގެން ތައާރަފުކޮށްފައިވާ އެ ޚިދުމަތުގެ ދަށުން އުރީދޫގެ ތުރީޖީ ޕްލަސް އާއި ފޯޖީ އެލްޓީއީ ނެޓްވޯކް މެދުވެރިކޮށް މިހާރު ރާއްޖޭގެ ހަ ޗެނަލްއެއް ލައިވްކޮށް ބަލާލެވޭނެ އެވެ.

އެ ޚިދުމަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ކޮމާޝަލް ޑިރެކްޓަރު އެސްޕީ ސަރާތީ ވިދާޅުވީ އުރީދޫ އަބަދުވެސް ދެމިތިބޭނީ އެންމެ ފަހުގެ ޚިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދިނުމުގައި ކަމަށާއި އެގޮތުން މިއަދު އުރީދޫގެ ކަސްޓަމަރުން ޓީވީ ބަލާގޮތް ވެސް މިހާރު ބަދަލުކޮށްލެވުނީ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު ކޭބަލް ޓީވީ ޚިދުމަތް ދިނުމުގެ ލައިސަންސް ލިބުނު ޕްލޭ ކާސްޓް މޯލްޑިވްސް އާއި އެއްބަސްވުން ބަދަލުކުރަނީ--- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެކްސްޓް ޖެނެރޭޝަން އެންޓަޓެއިންމަންޓް ކަސްޓަމަރުންގެ މޮބައިލް ޑިވައިސްތަކަށް މި ގެނެސްދެނީ. މިހާރު ކަސްޓަމަރުންނަށް ޓީވީ ޝޯތަކާއި ޙަބަރުތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލައިލެވޭނެ. ފެރީގައި ވެސް ކޮފީއަކަށް ގޮސްވެސް ދަތުރުކޮށް އުޅޭ އިރުވެސް މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތައް ލައިވްކޮށް ބަލާލަންވީ،" ސަރާތީ ވިދާޅުވި އެވެ.

ޕްލޭ ކާސްޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޔާޒު ވިދާޅުވީ އެ ޚިދުމަތުގެ ދަށުން މިހާރު ރާއްޖޭގެ ފަސް ޗެނަލްއެއް ބަލާލެވޭނެ ކަމަށާއި އިތުރު 30 ވަރަކަށް ޗެނަލް ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ކަސްޓަމަރުންނަށް ދޫކުރާނެ ކަމަށެވެ. އަދި އުރިދޫ އާ ގުޅިގެން އައިޕީޓީވީގެ ޚިދުމަތް ކަސްޓަމަރުންނަށް ވަރަށް ފުރިހަމައަށް ލިބޭނެ ކަމަށް ފަޔާޒް ވިދާޅުވި އެވެ.
ޚިދުމަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އުރީދޫ ކަސްޓަމަރުން އެ ޚިދުމަތަށް ރަޖިސްޓަރީ ކުރުމަށް މެސެޖެއްގައި “GO” ޖަހާފައި 5577 އަށް ފޮނުވާލުމުން ރަޖިސްޓާ ކުރެވޭނެ އެވެ. އަދި އުރީދޫ އިން ފޮނުވާ ލިންކެއް މެދުވެރިކޮށް އެ އެޕްލިކޭޝަން އޮންލައިންކޮށް ބޭނުންކުރަން ފެށޭނެ އެވެ.

އެގޮތުން އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް އިތުރު ފީއަކާ ނުލައި ހަމައެކަނި ޑޭޓާ ޗާޖާ އެކު އެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށާއި އެ ދުވަހުގެ ފަހުން ހާއްސަ ޕެކޭޖްތަކަކާ އެކު އިތުރު ޗެނަލްތައް ކަސްޓަމަރުންނަށް ގެނެސްދޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.