24 Jan 2015, 11:45
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ މީހުންނާ އެކު ސުލްހަވެރިކަމާއެކީ އުޅެން ދިވެހީންނަށް ދަސްކޮށްދިނީ ފަތުރުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކްލަބްމެޑް ފިނޮޅު ވިލާސް ރިސޯޓު ހުޅުވުމަށް ރޭ އެ ރިސޯޓުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެގެންދާ އިރު، އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މިއީ މިއަދު ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެހެންކަމުން މި ސަރުކާރުގެ އެންމެ މުހިންމު އެއްއަމާޒަކީ ރާއްޖޭގެ އިގްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރޭގެ ހަފްލާގައި ރައީސް ޔާމީން ވަނީ އިގްތިޞާދީ ތަރައްގީގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައި އެވެ. އެގޮތުން ސަރުކާރުން ކުރާ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންނަމަވެސް ރާއްްޖޭގެ އިގްތިޞާދަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވާ ދާއިރާއަކީ ވެސް ފަތުރުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިގްތިޞާދީ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާ އިރު، ރާއްޖެއަކީ އަމާން، ޞުލްޙަވެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމުގައި ވިދާޅުވި އެވެ. އަދި، ރާއްޖޭގައި އޮތީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅުމަށް ހިތްވަރުދޭ، އަމަން އަމާންކަމަށް ލޯބިކުރާ ދީނެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރާއްޖެއާ ބެހޭ ގޮތުން ބޭރު ދުނިޔޭގައި އިވެމުންދާ ނޭދެވޭ އަޑުތަކަށް އިޝާރާތްކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އޮތް ހަމަޖެހުމާއި، ޞުލްޙަވެރިކަމުގެ ވާހަކަ، މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޞުލްޙަވެރިކަމާއި އަމާންކަމާ އެކު، އެއްބައިވަންތަކަންމަތީ ދިރިއުޅުމަކީ އިސްލާމްދީނުގެ އެއްއަސާސްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރޭ ހުޅުވި ކްލަބްމެޑް ފިނޮޅު ވިލާސް ރިސޯޓަކީ މުޅި ރަށަށް އިރުގެ ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ގޮތަށް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިޒޯޓެވެ.