24 Jan 2015, 11:19
ވޮޝިންޓަން (ޖަނަވަރީ24): ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި މަރުކަޒުތަކުގައި ސަލާމަތީ ކަންތައްތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފި އެވެ.
މިކަން ހާމަކުރައްވަމުން ޔޫރަޕްގައި ހުންނަވާ އެމެރިކާގެ އަސްކަރީ ކޮމާންޑުގެ ވެރިޔާ ޖެނެރަލް ފިލިޕް ބްރިޑްލާވް ވިދާޅުވީ މިއީ ފަރަންސޭސިވިލާތުގައި ދާދިފަހުން ބަޔަކު ހިންގި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ޓެރަރިސްޓުންގެ ނުރައްކާތަކެއް ކުރިަމަތިވެދާނެ ކަމަށް ބެލެވޭތީ ރައްކާތެރި ކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުގަ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ވަނީ ޔޫރަޕްގައިވާ އެމެރިކާގެ މަސްލަޙަތު ތަކަށް ނުރައްކަލެއް އޮތްކަމުގެ ޖާސޫސީ މައްލޫމާތެއް ނެތްކަަމަށް ބުނެފަ އެވެ.
މިކަމާގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގައި ޕެންޓގަންގެ ތަރްޖަމާނަކު ވިދާޅުވެފައިވަނީ ކަންތައްތައް ހުރީ އާދައިގެ ޙަލަތެއްގައި ކަމުގަ އެވެ. އެމެރިކާގެ ދިފާއީ ވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު އެވުޒާރާ ހިންގުމާ ޙަވާލުވެ ހުންނެވި ޗަކް ހޭގްލް ވިދާޅުވީ ޔުރަޕްގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި މަރުކަޒުތަކުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ފިޔަވަޅު އަޅުއްވާފައި ވަނީ ޔޫރަޕްގައި ހުންނަވާ އެމެރިކާގެ އަސްކަރީ ކޮމާންޑުގެ ވެރިޔާ ޖެނެރަލް ފިލިޕް ބްރިޑްލާވް ކަމުގަ އެވެ. އަދި މެދުއިރުމަތީގައި ހަރަކާތްތެރިވާ އައިއެސް އާއި އަލްގާއިދާފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ކުއްލި ޙަމަލާތަކެއް ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުވެދާނެ ނިޝާނެއް ފެންނަން ނެތްކަމަށް ހޭގްލް ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)