ސައޫދީ އަރަބިޔާގެ ދައުލަތް 1932 ގައި ގާއިމް ކުރެއްވީ އެދައުލަތުގެ ބާނީ ކަމަށްވާ ކިންގް އަބްދުލްއަޒީޒް އާލް ސަޢޫދެވެ. އަބްދުލްއަޒީޒަށް ފަހު އެގައުމުގައި އެކުލަވާލި ގާނޫނު އަސާސީ ބުނާ ގޮތުން ސައޫދީ އަރަބިޔާގެ ރަސްކަމަށް ވަޑައިގެންނެވޭނީ އަބްދުލް އަޒީޒުގެ އުފަން ފިރިހެން ދަރިންނަށާއި ކާފަ ފިރިހެން ދަރިންނަށެވެ.

ކިންގް އަބްދުލްއަޒީޒަށް 37 ފިރިހެން ބޭފުޅުން ލިބިވަޑައިގެންފައިވާއިރު އޭގެތެރެއިން ސައޫދީ ރަސްކަމުގެ ތަޚްތުގައި މިހާތަނަށް ރެދަލިކުރެއްވީ އެންމެ ހަ ބޭފުޅުންނެވެ. އެއީ ކިންގް ސައޫދް އާއި ކިންގް ފައިސަލް އާއި ކިންގް ޚާލިދް އާއި ކިންގް ފަހްދު އާއި ކިންގް އަބްދުﷲ އާއި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްކަމަށް އިސްވެ ވަޑައިގެންނެވި ކިންގް ސަލްމާން އެވެ. އަބްދުލްއަޒީޒްގެ ދަރިންގެ މީގެތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ދެބޭފުޅުންނެވެ. އެއީ މިހާރުގެ ރަސްގެފާނު ސަލްމާން އާއި ވަލީއުލްޢަހްދު މުގްރިން އެވެ. މިދެބޭފުޅުން އަވަހާރަ ވުމަށް ފަހު ސައޫދީ ރަސްކަން ފުރޮޅިގެންދާނީ ކިންގް އަބްދުލްއަޒީޒް އާލް ސުއޫދުގެ ދަރިންގެ ތެރެއިން ކާފަދަރިންނަށެވެ. އެއީ ސައޫދީ ޝާހީ އާއިލާގެ ދެވަނަ ޖީލެވެ.
ސައޫދީ ޝާހީ އާއިލާއަކީ ބައިގިނަ ބޮޑު އާއިލާއެކެވެ. އެޢާއިލާގެ ތެރޭގައި ބާރާއި ނުފޫޒުގެ އޮއިވަރުތަކާއި އާއިލީ ފެކްޝަންތައް ވެސް ގިނަ އެވެ. އާއިލީ ފެކްޝަންތައް އުފެދިފައި ވަނީ އެއްބަފާ ބޭފުޅުންގެ އާއިލާތަކުގެ މެދުގަ އެވެ. ކިންގް އަބްދުލްއަޒީޒްގެ ދަރިންގެ ތެރޭގައި ހިމެެނޭ އެއްބަފާ ބޭފުޅުންގެ މެދުގަ އެވެ. މިގޮތުން މިހާރުގެ ރަސްގެފާނު ސަލްމާނުގެ މަންމަ ޙިއްސާ ބިންތް އަޙްމަދުއްސިދްރީގެ ދަރިކޮޅުގައި އެއްބަނޑުއެއްބަފާ ހަތް ފިރިހެން ބޭފުޅުން ތިއްބަވަ އެވެ.

ދެހާސް ބާރަ ވަނަ އަހަރު އަވަހާރަވި ކުރީގެ ދާޚިލީ ވަޒީރު އަދި ސަލްމާނުގެ ކުރިން ވަލީއުލްއަހްދަކަށް ހުންނެވި ނާއިފް ބިން އަބްދުލްއަޒީޒް އަކީ ސަލްމާން އާ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ. ނާއިފްގެ އިތުރުން ދެންތިއްބެވި އެއްބަނޑު އެއްބަފާ ބޭފުޅުން ވެސް ވަނީ އަވަހާރަވެފަ އެވެ. ކިންގް އަބްދުލްއަޒީޒްގެ އެންމެ ހަނގު ދަރިކަލުންކަމަށްވާ މުގްރިން އަވަހާރަވުމަށް ފަހު ވެރިކަން ނަގްލުވުމަށް އާއިލީ ކޮންމެ ފެކްޝަނަކުން ވެސް ބޭނުން ވަނީ އެފެކްޝަނެއްގެ ބޭފުޅަކަށެވެ. މިގޮތުން އަބްދުﷲ ރަސްގެފާނުގެ ވެރިކަމުގައި އޭނާ ވެސް މަސައްކަތް ކުރައްވާފައި ވަނީ އާއިލީގޮތުން އޭނާއާ އެންމެ ގާތް ބޭފުޅުންނާއި އޭނާގެ ދަރިން ވެރިކަމުގެ އިސް މަގާމުތަކަށް އައްޔަން ކުރުމަށެވެ.

މިހާރުގެ ރަސްގެފާނު ސަލްމާން ވެސް ކަންތައް ކުރައްވާތަން ފެންނަނީ މިބިދައިންނެވެ. މިގޮތުން ވަލީއުލްއަހްދު މުގްރިންގެ ނައިބަކަށް ދާޚިލީ ވަޒީރު މުޙައްމަދު ބިން ނާއިފް އައްޔަން ކުރެއްވުމަކީ މީގެ ހެއްކެކެވެ. މުޙައްމަދު ބިން ނާއިފް އަކީ ސަލްމާންއާ އެއްބަނޑު އެއްބަފާ ބޭބެ ނާއިފްގެ ދަރިކަލެކެވެ. އެހެންކަމުން ދެން ވަލީ އަހުގެ މަގާމަށް އިސްކުރެވޭނީ މުހައްމަދު ބިން ނާއިފެެވެ. އަދި މުގްރިން އަށް ފަހު ރަސްކަމަށް އިސްވެވަޑައިގަތުމުގެ ފުރްސަތު ވެސް ލިބިވަޑައިގަންނަވާނީ މުޙައްމަދު ބިން ނާއިފް އަށެވެ. މިހިސާބުން ސައޫދީ ވެރިކަން ކިންގް އަބްދުލްއަޒީޒްގެ ކާފަ ދަރިންނަށް ފޮރޮޅިގެންދާނެއެވެ. އޭނާއަކީ އެއީ ސައޫދީ ޝާހީ އާއިލާގެ ދެވަނަ ޖަނަރޭޝަން ބޭފުޅެކެވެ.

މީގެ އިތުރުން ސަލްމާން ގެންދަވަނީ ޝާހީޢާއިލާގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ފެކްޝަންގެ ބޭފުޅުންނަށް އިސް މަގާމުތައް ދެއްވަަމުންނެވެ. ސަލްމާން ރަސްކަމަށް އިސްވެ ވަޑައިގަތުމަށް ފަހު ދިފާޢީ ވަޒީރުކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ ވެސް ދަރިކަލުން މުހައްމަދު ބިން ސަލްމާން އެވެ. މީގެ އިތުރުން ވަނީ ސައޫދީ ޝާހީ ކޯޓުގެ އެންމެ އިސްވެރިޔާގެ މަގާމާއި ޝާހީ އާއިލާގެ މުޝީރު ކަމުގެ މަގާމަށް ވެސް އައްޔަން ކުރައްވާފައި ވަނީ ދަރިކަލުން މުޙައްމަދެވެ.

ސައޫދީ ރަސްކަމުގެ ނިޒާމުގައި އެންމެ ބާރުގަދަ މަގާމްތަކަކީ ރަސްގެފާނުގެ އިތުރުން ވަަލީއުލްއަހްދުކަމުގެ މަގާމާއި ވަލީއުލްއަހްދުގެ ނައިބުކަމުގެ މަގާމާއި ދިފާޢީ ވަޒީރުކަމުގެ މަގާމާއި ދާޚިލީ ވަޒީރުކަމުގެ މަގާމެވެ. މީގެއިތުރުން މައްކާގެ އަމީރުކަމުގެ މަގާމަކީވެސް ބާރުގަދަ މަގާމެކެވެ. އަބްދުﷲ ރަސްގެފާނުގެ ވެރިކަމުގައި އެމަގާމަށް އޭނާގެ ދަރިކަލަކު ވަނީ އައްޔަން ކުރައްވާފަ އެވެ. ސައޫދީ ޝާހީ އާއިލާއަށް ބަލާއިރު މިހާރު އެންމެ ބާރުގަދަ ފެކްޝަންތަކަކީ އަބްދުﷲ ރަސްގެފާނުގެ ފެކްޝަނާއި ސަލްމާން ރަސްފާނުގެ ފެކްޝަން ކަމަށް މުރާސިލުން ބުނެ އެވެ.

މިދެ ފެކްޝަނަކީ ވާދަވެރިކަން އޮންނަ ދެ ފެކްޝަން ކަމަށްވެ އެވެ. ސަލްމާނަށް ފަހު ރަސްކަމަށް އިސްވެ ވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި މުގްރިން ހަމަޖައްސާފައި ވަނީ މުގްރިން އެއްފަރާތްވެދާނެ ކަމުގެ ބިރަށް އަބްދުﷲ ރަސްގެފާނެވެ. އެކަން ކުރައްވާފައި ވަނީ މިދިޔަ މާޗް މަހުގަ އެވެ. އަބްދުﷲ ރަސްގެފާނު މިކަން ކުރެއްވީ މުގްރިން އަކީ ކިންގް އަބްދުލްއަޒީޒްގެ ދަރިކަލަކަށް ވިނަމަވެސް އޭނާގެ އެންމެހަގު ދަރިކަލުން ކަމަށްވެފަައި ޝާހީ އާއިލާގައި އޭނާގެ ނުފޫޒު ކުޑަކަމުންނާއި އޭނާގެ މަންމައަކީ އަވަށްޓެރި ޔަމަނަށް އުފަން އަންހެނަކަށް ވާތީ އެވެ. މިކަމުގެ ސަބަބުން މުގްރިން ވަލީއުލްއަހްދުގެ ނައިބަކަށް ހަމަޖެއްސުމުން ޝާހީ އާއިލާގެ ތެރޭގައި މައްސަލަތަކެއް ވެސް އުފެދިގެން ދިޔަ އެވެ.

މުގްރިންވެސް ވަނީ މުސްކުޅި ފުޅުވެފަ އެވެ. އުމުރުފުޅުން 69 އަހަރުގެ މުގްރިންއަށް ވެސް 15 ބޭފުޅުން ލިބިވަޑައިގެންފައިވާ އިރު އެބޭފުޅުންގެ ބާރާއި ނުފޫޒު ޝާހީ އާއިލާގެ ތެރޭގައި ވަރަށް ކުޑަކަމަށްވެ އެވެ. ނަމަވެސް މިހާރު އޭނާ އަށް ވަލީއުލްއަހްދުގެ މަގާމު ލިބުމާ އެކު މުސްތަގްބަލްގައި ރަސްކަން ވެސް ލިބިވަޑައިގަންނަވާނީ އޭނާ އަށް ކަަމުން މުގްރިން ވެސް އާއިލީ ނުފޫޒު ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވަނީ ބެލެވިފަ އެވެ.

މުގްރިންއަށް ރަސްކަން ލިބިވަޑައިގެންފި ޙާލަތެއްގައި ވަލީއުލްއަހްދުގެ މަގާމު ލިބިވަޑައިގަންނަވާނީ މިހާރުގެ ވަލީއުލްއަހްދުގެ ނައިބު މުޙައްމަދު ބިން ނާއިފް އެވެ. މުޙައްމަދު އާއި މުގްރިންގެ އާއިލާގެ ބޭފުޅުންނަކީ ވާދަވެރި ބޭފުޅުން ކަމަށްވެއެވެ. މުޙައްމަދު ބިން ނާއިފް އަށް ވަލީއުލްއަހްދުގެ ނައިބުކަން ދިނުމުން ސައޫދީ ޝާހީ އާއިލާގެ ތެރޭގައި ހިތްހަމަނުޖެހުންތައް އުފެދުމުގެ ފުރްސަތު ބޮޑުކަމަށް ބެލެވިފައިވީ ނަމަވެސް އެކަން އަދި ފާޅުވުމަށް ދުވަސްތަކެއް ނަގާނެ އެވެ. މިއާއެކު ސައޫދީ ޝާހީ އާއިލާ އަށް ކުރިމަގުގައި ނުތަވަސްކަން އައުމުގެ ފުރްސަތު ބޮޑުކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ. (ނޫސްއެޖެންސީތައް)