ކާނިވާ ސަރަހައްދުގައި ބޭނުން ނުކޮށް ހަލާކުވެފައި ހުރި އުޅަނދުތަކާއި ބާ ދަގަނޑުތައް ނެގުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މިއަދު ފަށައިފި އެވެ.

"ސަން" އާ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ މަސައްކަތުގެ ބޭނުމަކީ މާލޭގެ މަގުތަކުގައި އުކާލާފައި ހުންނަ ކުނި ބުނި ނެގުން ކަމަށެވެ. އެގޮތުން ކާނިވާ ސަރަހައްދުގައި ވެސް އެފަދަ ތަކެތި ފުދޭ ވަރަކަށް ގިނަ ކަމަށާއި އެ މިނިސްޓްރީގެ އަމާޒަކީ މާލޭގެ މަގުތަކަކީ ސާފު ތަނަކަށް ހެދުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވާނީ މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކެއް ނަގާފައި ދެއްތޯ. އެހެންވީމާ މިއީ ވެސް އެ ސިލްސިލާގެ ދަށުން ކުރިއަށްދާ މަސައްކަތެއް. ދެން އެނގިވަޑައިގަންނަވާނެ މާލޭގެ މަގުތަކުގައި ބައިވަރު ބާ ދަގަނޑާއި އެއްޗެހިން އެބަހުރި. އެ އެއްޗެހި ނަގާ މާލޭގެ މަގުތައް ސާފުކޮށް ބެހެއްޓުން އަޅުގަނޑުމެން މިނިސްޓްރީގެ އެންމެ ބޮޑު އެއް ބޭނުމަކީ،" މުއިއްޒު ވިދާޅުވި އެވެ.

ބޭނުންނުކޮށް ހަލާކުވެފައި ހުރި އުޅަނދުތަކާއި މަގުމަތީގައި ހުންނަ ބާ ދަގަނޑުތައް ހައުސިން މިނިސްޓްރީއާ ފުލުހުން ގުޅިގެން ކުރަމުންދާއިރު މި މަހުގެ ތެރޭގައި ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 111 ވެހިކަލެއް ނަގާފައިވެ އެވެ.