މ. މަޑުއްވަރީ ފަޅުތެރޭގައި ތާށިވި ފެހުރިއްސެއް ސަލާމަތްކޮށް، ކަނޑަށް ދޫކޮށްލައިފި އެވެ.

'ސަން' އަށް މައުލޫމާތު ދެމުން އެ ފެހުރިހި ސަލާމަތްކުރުމުގައި އުޅުނު އެރަށު މީހަކު ބުނީ، އެ ފެހުރިހި ފެނިފައި ވަނީ މަޑުއްވަރީ އިރުމަތީ ފަރާތު ފަޅުތެރެއިން އިއްޔެ ހެނދުނު ގާތްގަނޑަކަށް 7:30 އެހާކަންހާއިރު ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް ވިއްސަކަށް ފޫޓުގެ ފެހުރިއްސެއް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ވަދާނުކުމެ އުޅެނިކޮށް ފަޅުތެރެއިން ބަޑިތަޅާތަން ފެނިގެން ކައިރިވި އިރު ބޮޑު ފެހުރިއްސެއް. އޭތި އޮތީ ދިޔަވަރު ހިކުމުގެ ސަބަބުން ފަޅުން ނުނިކުމެވި ތެޅިތެޅި. އޭތި އޮތީ ވަރުބަލިވެފައި،" ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ، އޭތި ފަޅުން ބޭރުކޮށް ކަނޑަށް ދޫކޮށްލީ ފަޅުތެރޭ ގާތަކުގައި ނުކޭއްތާ ވަރަށް ފެހުރިހި ހިއްލާލައިގެން ކަމަށެވެ.