މުދަލާ އެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ޅ. ހިންނަވަރު ފަރަށް އަރައިފި އެވެ.

ހިންނަވަރުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ ބޯޓު ފަރަށް އަރާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ވެގެން ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ބޯޓުގެ ބޮޑު ބައެއް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް މިހާރު ފެންނަން އޮތީ މަތީ ގެގަނޑު އެ އޮންނަ ހިސާބު. ފަހަތްކޮޅު އެއްކޮށް ކަހަލަ ގޮތަކަށް އޮތީ އަޑިއަށް ގޮސްފައި،" ހިންނަވަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްް ނުލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ހިންނަވަރު ފަރަށް އެ ބޯޓު އަރާފައި ވަނީ ރޭ 8 ޖަހާ އެހާކަންހާއިރު ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ ފަރަށް އެރި ވަގުތު ބޯޓުގައި ތިބީ ދެ ފަޅުވެރިއަކާއި ބޯޓުގެ ކައްޕި ކަމަށެވެ. އަދި ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.