ތުހުމަތު ކުރެވޭ މީހާ އަމިއްލަ އަށް އިއުތިރާފު ވާ މައްސަލަތަކާއި ހެކިންގެ ގޮތުގައި ފުލުހުން ހިމެނޭ މައްސަލަތައް ގިނަ ވެގެން ފަސް ދުވަހުގެ ތެރޭގައި ޝަރީއަތަށް ފޮނުވާ އުސޫލެއް ކަނޑައަޅައި އަމަލުކުރަން ފަށައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ފުލުހުންނާ ގުޅިގެން އެކުލަވާލި އެ އުސޫލުގެ ދަށުން އެފަދަ މައްސަލަތައް ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ދައުވާ ކުރަން ފޮނުވަންޖެހޭ ކަމަށެވެ. އަދި ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅޭތާ ދެ ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ދައުވާ ކުރަންޖެހޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެ އުސޫލަށް މިހާރު އަންނަނީ އަމަލު ކުރަމުން. ތުހުމަތު ކުރެވޭ މީހާ އަމިއްލަ އަށް އިއުތިރާފު ވާ މައްސަލަތަކާއި ހެކިންގެ ގޮތުގައި ފުލުހުން ހިމެނޭ މައްސަލަތައް ވަރަށް އަވަހަށް ފުލުހުން ތަހުގީގު ނިންމައި މި އޮފީހަށް ފޮނުވަމުން ދަނީ. އަދި ޕީޖީ އޮފީހުން ދެ ދުވަސްތެރޭގައި އެފަދަ މައްސަލަތަކުގައި ދައުވާ ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާގޮތުގައި ޕީޖީ އޮފީހުން އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓު މަރުހަލާ އަވަސްކުރުމަށް ކޯޓުން އަދި ނިންމާފައެއް ނުވެ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މައްސަލަ ހުށަހެޅޭތާ 30 ދުވަހުގެ ތެރޭގައި ތޫނުހަތިޔާރުން ހަމަލާދޭ މައްސަލަތަކުގެ ޝަރީއަތް ނިންމަންޖެހެ އެވެ.

އެ ގާނޫނަށް އަމަލުކުރުމުގެ ގޮތުން އެފަދަ މައްސަލަތަކުގައި ވަރަށް އަވަހަށް ޕީޖީ އޮފީހުން އަންނަނީ ދައުވާ ކުރަމުންނެވެ.