24 Jan 2015, 10:08
މާލެ ދޮންގަނޑު ބީޗް ވޮލިބޯޅަ ކޯޓުގައި ކުރިއަށް ގެންދިޔަ އޭޝިއަން ވޮލީބޯލް ކޮންފެޑަރޭޝަން ސަބްޒޯނަލް ބީޗް ވޮލީބޯލް މުބާރާތުގެ ޗެންޕިއަންކަން އިންޑިއާ ހޯދައިފިއެވެ.
އެ މުބާރާތުގެ ޗެންޕިއަންކަން އިންޑިއާ ހޯދީ އިއްޔެ ރޭ މުބާރާތުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ދެ ގޭމުން އެއްވަރު ވުމުން، ނަތިޖާ ނެރެން ކުޅުނު ގޯލްޑަން ގޭމް ކާމިޔާބު ކޮށްގެނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މުބާރާތުގެ ފުރަތަމަ މެޗު ޕާކިސްތާނު ކާމިޔާބު ކުރީ 2-1 ސެޓުގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ސެޓު 20-22 ގެ ނަތީޖާއަކުން ގެންދިޔައީ އިންޑިއާ އެވެ. ނަމަވެސް ޕާކިސްތާނު ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ދެވަނަ ސެޓާއި ޓައިބްރޭކަރ 21-29 އަދި 15-13 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.
ފައިނަލްގެ ދެވަނަ މެޗު ގެންދިޔައީ އިންޑިއާ އެވެ. އިންޑިއާ އެ މެޗު ކާމިޔާބު ކުރީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-19 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޕާކިސްތާނެވެ. ނަމަވެސް އިންޑިއާ ވަނީ މެޗުގައި ކުޅުން ރަނގަޅުކޮށް، މެޗުގެ ފަހު ދެ ސެޓު 21-17 އަދި 15-7 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.
ކުޅުނު ފުރަތަމަ ދެ ގޭމް އެއްވަރު ވުމުން، މުބާރާތުގެ ފައިނަލްގެ ނަތީޖާ ނެރެން ދެން ކުޅުނީ ގޯލްޑަން ގޭމެކެވެ. ފައިނަލްގެ ތިންވަނަ މެޗުގެ ގޮތުގައި ކުޅުނު އެ މެޗު އިންޑިއާ ކާމިޔާބު ކުރީ، ފުރަތަމަ ސެޓު ޕާކިސްތާނުން ކާމިޔާބު ކޮށްފައި ވަނިކޮށް ފަހަތުން އަރާ އެ ޓީމްގެ މައްޗަށް ކުރި ހޯދައިގެނެވެ. ފުރަތަމަ ސެޓު ޕާކިސްތާނުން ގެންދިޔައީ 21-19 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އިންޑިއާ ވަނީ ކުޅުން ރަނގަޅުކޮށް، ދެވަނަ ސެޓު 19-21 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ފައިނަލްގެ ގޯލްޑަން ގޭމް އިންޑިއާ ކާމިޔާބު ކުރީ ކުޅުނު ޓައިބްރޭކާރ 15-12 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ.
އަންހެން ޑިވިޝަނާއި ފިރެހެން ޑިވިޝަންވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފިރެހެން ޑިވިޝަންގެ ޗެންޕިއަންކަން އިންޑިއާ ހޯދި އިރު، ރާއްޖެ ވަނީ އެ ޑިވިޝަންގެ ތިންވަނަ ހޮވަން ކުޅުނު މެޗުގައި އަފްޣާނިސްތާނު ބަލިކޮށް، މުބާރާތުގެ ތިންވަނަ ހޯދާފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވީ ހަމައެކަނި ނޭޕާލް އާއި ރާއްޖެ އެވެ. އެހެން ކަމުން އެ ޑިވިޝަންގައި ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެ މެޗުގައި ރާއްޖޭގެ އަންހެން ޓީމް ބަލިކޮށް، މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ ނޭޕާލް އެވެ.