ޑީއާރްޕީއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރާ ކަމަށް ބުނެ، މިދިޔަ ސެޕްޓެމްބަރު މަހު އެ ޕާޓީގެ ކައުންސިލުގެ ނިންމުމާ އެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްއެންބީސީ[ގެ ޗެނަލްތައް "ބޮއިކޮޓް"ކޮށްފައި އޮތް އޮތުން، ޑީއާރުޕީގެ މިއަދުގެ ކައުންސިލް ބައްދަލުވުމުގެ މެޖޯރިޓީން އެ ނިންމުން ރުޖޫއަކޮށްފި އެވެ.

ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދިނުމަށް ނޫސްވެރިން ޑީއާރުޕީ އޮފީހަށް ވަން ވަގުތު ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވީ އެމްއެންބީސީ ބޮއިކޮޓް ކޮށްފައި އޮތް އޮތުން ރުޖޫއަކޮށްފައިވާ ކަމަށެވެ.

އެހެން ވިދާޅުވުމަށް ފަހު، އެމްއެންބީސީގެ ނޫސްވެރިންނާއި ކެމެރާމަނުން ޑީއާރުޕީ އޮފީހަށް ވަނުމަށް އޭނާ ޖާގަދެއްވި އެވެ. އެކަމާ ގުޅިގެން އަލީ ވަހީދު މިއަދު ވިދާޅުވެފައި ވަނީ އެ ނިންމުމާ މެދު ރަސްމީ ކޮމެންޓެއް ޑީއާރުޕީން ދޭނެ ކަމަށެވެ.

ޑީއާރުޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މީޑިއާގެ ސިޔާސަތުތަކާ ބެހޭ ގޮތުން ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކާއި ނިންމުންތަކުގެ ތަފްސީލެއް އަލީ ސޯލިހު ނުދެއްވި އެވެ.

އެމްއެންބީސީގެ ވަންގެ އެޑިޓަރަކު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ "ރަސްމީކޮށް އަދި އެކަން އަންގާފައި" ނުވާ ކަމަށާއި "އެ ވާހަކަ އަޅުގަނޑުމެންނަށް އަޑު އިވިފައިވާ" ކަމަށެވެ.

އެމްއެންބީސީގެ ބޮއިކޮޓް ކޮށްފައި އޮތް އޮތުން އެ ޕާޓީގެ ކައުންސިލުން މިއަދު ރުޖޫއަކުރި އިރު، ޑީއާރުޕީން ވަކިކޮށްފައިވާ ނައިބު ލީޑަރު އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން، ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ޖެނުއަރީ 31ގައި އެމްއެންބީސީ ވަންގެ ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުނި، އެމްއެންބީސީގެ ޗެނަލްތައް ބޮއިކޮޓް ކުރުމަށް ޑީއާރުޕީން ނިންމާފައި ވަނީ ސެޕްޓެންބަރު، 22، 2010 ގަ އެވެ.