ޒަމާންތަކަކަށް ފަހު އިއްޔެ ފެރީއަކުން ދަތުރުކޮށްލީމެވެ. މަންޒިލަކަށްވީ ހުޅުމާލެ އެވެ. އެކޮޅަށް ދިޔަ ދަތުރު ކިތަންމެހާ ވެސް ހިތްގައިމެވެ. ފެރީގައި މީސްކޮޅުވެސް މަދެވެ. ހުޅުމާލެއިން މާލެއައީ ރޭގަނޑުގެ ފެރީންނެވެ. ތޮށްޖެހިފައިވާ އެ ފެރީއަށް އެރީ ހިތް ފަސޭހަ ދަތުރަކަށް އުންމީދުކޮށްގެންނެވެ. އަހަރެން އިން ސީޓްގައި އަހަރެންނާއި ޖެހިގެން އެއް ފަރާތުގައި ތިބީ ދަރިޔަކު ގޮވައިގެންތިބި ދެމަފިރިންނެވެ. އަނެއް ފަރާތުގައި ތިބީ ޒުވާން ދެ ފިރިހެން ކުދިންނެވެ. ދަތުރަށް ފަށައި ކަނޑިންމައިން ނުނިކުމެވެ އެވެ. ކުރިމައްޗަށް އިންސީޓްގައި ތިބި ޒުވާން ދެކުދިން އެއްވާން ފަށައިފި އެވެ. ދެ ހަށިގަނޑު އެއް ހަށިގަނޑަކަށް ވެއްޖެ އެވެ. އެއާއެކު އެއޮށް ފެށީ އެވެ.

"މިއީ ކިހާ ދެރަކަމެއް ދެން. ދަރިންނަށް ދައްކަން މިޖެހެނީ މިފަދަ ހުތުރު މަންޒަރުތައް. އެމީހުން ގެއަށް ދާންވީނު އެފާޑަށް އުޅެން،" ދަރިފުޅުގޮވައިގެން އިން ބައްޕަ، 'ޗުސް' ތަޅުވާޅުމަށް ފަހު ބުންޏެވެ.

އެހެން ނުބުނާވަރެއް ވެސް ނޫނެވެ. އެތައް މައިންބަފައިނަކާއި ދަރިންނެއް ތިބި އެ ފެރީގައި އެއުޅުނު ފާޑަކީ ލޭ ހިނގާގުޅުމެއް އޮތް ދެމީހަކަށް ބަލައިލާން ކެރޭ މަންޒަރެއް ނޫނެވެ. އެމަންޒަރު ނުބަލަން ވެގެން ފެރީގެ އެކި ސަރަހައްދުތަކަށް ނަޒަރު ހިންގާލީމެވެ. ކަމަކުދާކަށް ނެތެވެ. އެއް ޖޯޑެއް ދެ ޖޯޑެއް ނޫނެވެ. ފެރީގެ އެކި ހިސާބުތަކުގައި ހަމަ ދެހަށިގަނޑު އެއް ހަށިގަޑަށް ވަމުން ދިޔަ އެވެ. މޫނުތަކަށް ބޮސްދެމުންދިޔައީ މި ތިބެވެނީ ގޭ ކޮޓަރިޔޭ ހީކޮށް ކަހަލައެވެ.

"އެހެންނު ވާނީ ލޯބިވެރިން އެކަންކުރަން ދާތަނެއް ވިއްޔަ ހުޅުމާލެއަކީ. ދެން ފެރީ މަތިންވެސް އެގަނޑު ގަންނާނެއެއްނު،" ފެރީން ފެނުނު މަންޒަރު ހިއްސާކޮށްލުމުން ގިނައިން ފެރީގައި ދަތުރުކުރާ މީހަކު ބުންޏެވެ.

ކޮންމެއަކަސް މިކަން ބޮޑުވެ އިސްޖަހައިގެން ފޯނާކުޅެލަކުޅެލާ އިންދާ ދެން ޖެހުނީވެސް ދެރަވަރު ކަމެއް ނޫނެވެ. އަހަރެން ސީޓުގެ ވާތް ފަރާތުގައިތިބި "ކޫލް" އުމުރުފުރާގެ ދެ ޒުވާނުން އެއޮށް ތޮޅެން ފެށީއެވެ. އެއާއެކު ފަހަތު ސީޓްގައި ތިބި ޒުވާނުންތަކެއް ވެސް އެމީހުންނާއި ބައިވެރިވި އެއޮށް އޮޅުލަން ފެށީއެވެ. ހީހީފައެވެ. އެކަކު އަނެކެއްގެ ބޮލުގައި ތަޅަނީ އެވެ. އެންމެ ފަހުން އެކަން ހުއްޓާލީ އަހަރެންގެ ބޮލުގައި ވެސް އެތިފަހަރެއް އަޅާލާފަ އެވެ. އެވަރުންވެސް މާފަށް ނޭދި ބުނެލީ "އޮޅިގެން ޖެހުނީ" ކަމަށެވެ.

މިއީ އެންމެ ރެއެއްގެ 25 މިނެޓުގެ ދަތުރެއްގެ ތެރެއިން އެކަނިމާއެކަނި ދަތުރުކުރި އަހަރެންނަށްވީ އުނދަގޫތަކެވެ. ހުޅުމާލެ ވިލިގިއްޔަކީ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު އާންމުގޮތެއްގައި ދަތުރުކުރާ މަންޒިލަކަށްވާއިރު މި އުނދަގޫ ކިތައް މީހުންނަށް ދިމާވާނެ ހެއްޔެވެ. އެނގޭ އެއްޗަކީ ހުޅުމާލެއަށް އަދި ވިލިމާލެއަށް ދަތުރުކުރާ ފެރީތަކުގައި ދަތުރުކުރާ ބައެއް މީހުންގެ ސަބަބުން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފް އެތައް ކަމެއް ހިނގަމުންދާ ކަމެވެ. އެތައް ކުދި ބަޔަކާއި އާއިލީ މެމްބަރުން ދަތުރުކުރާ ފެރީތަކުން އެމައްސަލަތައް ފެންމަތިވެ އެވެ. ފާހަގަ ކުރެވުނު ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.


މާފޮޅުވުމަށް ދާ ޖޯޑުތަކުން ފެރީތައް މަތީވެސް ގައިގޯޅި ހަރަކާތްތައް ހިންގާ ކަމީ އާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ. އެތައް ތުއްތު ކުދިންއަކަށްވެސް އެމަންޒަރު ބަލަން މަޖުބޫރު ވާ ހާލަތަށް މިވަނީ ފެރީތައް މަތީ އެކަން އާންމުވެފައެވެ. އެކަން އާންމުވެ މިހާރު މިވަނީ މައްސަލައަކަށްނުވާ ހިސާބަށް ކަންކަން ގޮސްފަ އެވެ. މިކަން އާންމުގޮތެއްގައި ހިނގަނީ ރޭގަނޑުގެ ވަގުތުތަކުގަ އެވެ. އެއަމަލު ހިންގުމަށް ފެރީތަކުގެ ފަހަތު ސީޓްތައް ގިނަ ފަހަރަށް އެމީހުން އިހުތިޔާރު ކުރެއެވެ. އެއާއެކު މަންޒަރު ހުތުރުވާވަރަށް ގައިގޯޅިވެ އެވެ. އެއާއެކު ތުނބާ ތުން ގުޅުވުން ފަދަ ބަދުއަހުލާގީ އަމަލުތައް ހިންގާ މިންވަރު ވެސް އިތުރުވެ އެވެ.

ތުއްތުކުދިން ފެށިގެން އެތައް ބަޔަކު ދަތުރުކުރާ ފެރީތަކުގައި ދެން ޖެހޭ އަނެއް މައްސަލައަކަށްވެފައިވަނީ ފެރީތެރޭ "ހަޅޭފަޅޭ" ލެވުމުގެ މައްސަލަތަކެވެ. ޒުވާން ގުރޫޕުތަކުން ފެރީ ތެރޭގައި މިއަމަލު ހިންގާ މިންވަރު ވަރަށް އިތުރެވެ. ހަމައެހެންމެ ބައެއް އެހެން އުމުރުފުރައިގެ ތެރޭގައި ވެސް ސިޔާސީ ޒުވާބުގައި ޖެހިވެސް އެގޮތަށް އަމަލުތައް ކޮށްފައި އެބަހުއްޓެވެ. އެކަމުގެ ތެރޭގައި ހުތުރު ބަހުން މުއާމަލާތް ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ހަމައެހެންމެ ފެރީ ތެރޭ ބާރަށް ލަވަޖެހުމާއި ހަޅެއްފަޅޭ ލަވާއިރު އެމީހުންގެ ހިތުން އެތިބެނީ އަމިއްލެ ގޭ ސިޓިން ރޫމްގަ އެވެ. އެ ފެރީގައި ދަތުރުކުރާ އެތައް ބަޔަކަށް އުނދަގޫވާކަމުގެ ފިކުރެއް ވެސް ނުކޮށްލަ އެވެ.

"ފެރީގައި އަޑުގަދަ ކުރުމަކީ އަބަދު ހިނގާ ކަމެއް. މީހުންގެ ޅަދަރިން މައިންބަފައިންގެ ކޮނޑު މަތީ ނިދާފައި އޮވެ ސިއްސައގެން ހޭލާފައި އެބަހުރި. ބައެއް ފަހަރު މީހުން އަޑުގަދަ ކުރާވަރުން ފެރީ އެބަހުރި ކަނޑުމައްޗަށް ހުއްޓާފައިވެސް. ކެޕްޓަން އެހެން ހަދަނީ އަޑުމަޑުކުރަން ދޭ އިންޒާރެއް ކަމަށް ބެލެވެނީ،" ހުޅުމާލޭގައި ދިރިއުޅޭ މުހައްމަދު ހައިޝަން ބުންޏެވެ.

ހުޅުމާލެ ވިލި މާލެއަކީ އެތައް ބަޔަކު ދިރިއުޅޭ ތަނަކަށް ވުމުން އެކަނި މާއެކަނި ދަތުރުކުރާ ފަރާތްތައް ވެސް ވަރަށް އިތުރެވެ. އޭގެ ތެރޭގައި އެތައް ހާސް ޖިންސުއްލަތީފުންނެއް ވެސް ހިމެނޭއިރު ފެރީގައި ދަތުރުކުރުމަކީ ބިރަކަށް ވެފައިވާ ކުދިންވެސް މަދެއް ނޫނެވެ. އެންމެ ބޮޑު އެއްކަމަކަށް ވަނީ ފެރީގައި އެކަނިމާއެކަނި ހޭދަކުރާ ވަގުތުތަކުގައި ފެރީގައި ދަތުރުކުރާ ބައެއް ފިރިހެނުން "ފޮށޭތީ" އެވެ. ގިނަ ފަހަރަށް ހުތުރުބަހުން "މައްލަވަ" ކުރަނީއެވެ. ހަމައެހެންމެ ފެރީއަށް އަރަން ދާ ވަގުތާއި ފެރީން ފައިބަން ދާ ވަގުތަކުގައި ތޮށްޖެހޭއިރު އެކުދިންގެ ގައިގަައި "އުނގުޅޭ" ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

މީގެ އިތުރުންވެސް މުޖުތަމައުއާއި ނުގުޅޭ އެތައް ކަމެއް ފެރީގެ ދަތުރުގައި ހިނގައެވެ. ބަލި މީހުންނާއި މާބަނޑު މީހުންނަށް ހާއްސަކޮށްގެން ސީޓްތަކެއް ތައްޔާރުކޮށްފައި ހުންނައިރު އެ ސީޓްތަކުން އެމީހުންނަށް ފުރުސަތު ނުދީ ގަދަމީހާ ގަދަ ގޮތަށް ހިންގޭ ކަންކަން ހިމެނެއެވެ. ފެރީއަށް އެރުމާއި ފެރީން ފޭބުމުގެ ތެރޭގައި ވެސް އެފަދަ ކަންކަން ހިންގައެވެ. ހަމައެހެންމެ ފެރީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ވެސް މަދުން ނަމަވެސް ހިންގާ ކަންކަމެވެ.

ބަޔަކު ކިތަންމެ ރަނގަޅަށް ހިދުމަތް ދިނަސް އޭގެ ބޭނުން ހިފާ ފަރާތްތަކުން ރަނގަޅަށް އަމަލުތައް ނުބަހައްޓާ ނަމަ އެފަދަ އެތައް ކަމެއް ހިނގާނެ އެވެ. އެކަމަކު މިއީ ފުރުސަތު ދެވިގެންވާނެ ކަންކަމެއް ނޫނެވެ. އެފަދަ ކަންކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ފެރީގެ ހިދުމަތް ދޭ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާލުވީ، ފެރީގައި ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އާންމުންނަށް އުނދަގޫވާގޮތަށް ހަރަކާތްތެރިވާ ފަރާތްތައް ފެރީން ބާލަމުން ދާ ކަމަށެވެ.

"އެހެން މީހުންނަށް އުނދަގޫ ވާގޮތަށް އުޅޭ ފަރާތްތައް ބޭލުމުގެ ބާރު ފެރީގެ ކެޕްޓަނަށް ލިބިގެންވޭ. އަޅުގަނޑުމެން ހުންނާނެ އެހެން ބާލާފައި ވެސް" ހަލީމް ވިދާޅުވި އެވެ.

ފެރީތަކުގެ ތެރޭގައި ގައިގޯޅިވުމާއި ހުތުރުބަހުން ވާހަކަ ދެއްކުމުގެ ޝަކުވާތައް އަދި މިހާތަނަށް ލިބިފައި ނުވާކަމަށާއި އެފަދަ ކަންކަން އުޅޭނަމަ ހުށައެޅުމަށް ހަލީމް އެދިވަޑައިގަތެވެ. އޭރުން އެފަދަ ކަންކަން ހުއްޓުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާންމު އިޖްތިމާއީ މިންގަނޑުތަކާއި ބެހޭ ގާނޫނުގައި އާންމުތަންތާގައި ގައިގޯޅި ވުމާއި މީހުންނަށް އުނދަގޫވާހެން އަޑުގަދަ ކުރުމާއި ހުތުރު ބަހުން ވާހަކަ ދެއްކުމުގެ އިތުރުން މީހުންނާ "ފޮށުމަކީ" އަދަބު ލިބޭ ކުށްތަކެވެ. ނަމަވެސް ހިތާމައަކީ އަހަރެމެންގެ މުޖުތަމައުގައި އެފަދަ ކުށްތައް އިންތިހާއަށް އިތުރުކަމެވެ. އެ ގާނޫނުގައި ބުނާގޮތުން އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގެ ބާރު ވަނީ ފުލުހުންނާއި ކައުންސިލްތަކަށް ދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުޖުތަމައުއާއި ނުގުޅޭ އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ ވަރަކުން ފިޔަވަޅުތައް އަޅައި އެމައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މާލޭގައި އެފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު މަދުކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ ކަންކަން ކުރާ ފަރާތްތައް ހައްޔަރު ނުކުރިޔަސް ވާހަކަ ދައްކައިގެންވެސް ހައްލުކުރަން. ނަމަވެސް ހާލަތާއި ގުޅިގެން ބެލުމުގެ ދަށަށް ގެންނަންޖެހިއްޖެ ނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަހަރެން ފެރީގައި ހޭދަކޮށްލި 25 ވަރަކަށް މިނިޓްތެރޭ "ލޮލުންދެކެ އަތުންހިފި" ތަޖުރިބާކުރެވުނު ބުނެވި ދިޔަ ކަންތައްތައް މިއީ ބައެއް މީހުންނަށް މާކަ ބޮޑު ކަމަކަށް ނުވެދާއެވެ. އެކަން އެގޮތަށް ވަނީ އެފަދަ ކަންކަން މިހާރު އާންމުވެފައި ވާތީއެވެ. ނަމަވެސް އެތައް ހާސް ބަޔަކު ދަތުރު ކުރާ އެ ފެރީތަކުގައި އިސްވެ ފާހަގަ ކުރި މައްސަލަތައް ފެންމަތިވެ އެތައް ބަޔަކު ވަނީ ފެރީން ދަތުރުކުރަން ފޫހިވާ ހިސާބަށް ގޮސްފަ އެވެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭނެ ކަންތައްތަކެވެ. ނޫނީ އިޖްތިމާއީ ބަލިމަޑުކަމެއް އުފެދޭނެ އެވެ. ހިތާމައަކީ ބައެއް މީހުން ލަދެއް ނެތި އެ އަމަލުތައް ފެރީތަކުގައި ހިންގާތީ އެވެ. އެމަންޒަރުތައް ބަލަން ބޭނުން ނުވާ، މައިން ބަފައިންނާއި ޅަދަރިން ލަދުން ހަލާކުވަނީ އެވެ. އެކަމަކުވެސް "އެވެރިން އެތިބަގެން އުޅޭނެ ގޮތަކަަށް އުޅެނީ" އެވެ.