24 Jan 2015, 08:59
މާބަނޑު މީހަކު ގޮވައިގެން ހއ. މޮޅަދޫ އިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި ސީ އެމްބިއުލާންސްއެއް މޮޅަދޫ ތުނޑިއަށް އަރައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު ގާތްގަނޑަކަށް 3:15 ހާއިރު އެވެ.
މޮޅަދޫ ކައުންސިލްގެ ރައީސް އަހުމަދު އަޝްރަފު މިއަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މޮޅަދޫން ފުރައިގެން ނައްޓާލިތަނާ ކަމަށާއި ލޯންޗް ތުނޑިއަށް އެރި ނަމަވެސް އެއްވެސް މީހަކަށް ހާނީއްކައެއް ނުވާ ކަމަށެވެ.
ނަމަވެސް މާބަނޑު މީހާ ގޮވައިގެން ކުޅުދުއްފުށި ހޮސްޕިޓަލް އަށް ފުރާފައި ވަނީ އެމީހާ ބަނޑުގައި ރިއްސާތީ ކަމަށާއި ސިއްހީ ހާލަތު އެހާ ރަނގަޅު ނުވުމުން ކަމަށް އަޝްރަފް ވިދާޅުވި އެވެ.
ލޯންޗު ތުނޑިއަށް އެރުމުން މާބަނޑުމީހާ މޮޅަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އެއަށް ފަހު މިއަދު ހެނދުނު 7:00ގައި އެހެން ލޯންޗެއްގައި އެމީހާ ކުޅުދުއްފުއްޓަށް ފޮނުވާލާފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
ކުޅުދުއްފުށި ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މާބަނޑު މީހާއަށް މިހާރު ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި "އޭނާގެ ހާލު މިހާރު ރަނގަޅު" ކަމަށެވެ.
އަޝްރަފް ވިދާޅުވީ އުލިގަމުގައި މަސައްކަތް ކުރާ އެމްއެންޑިއެފްގެ އޮފިސަރުންނާއި މޮޅައިދޫ ރައްޔިތުންގެ ބައެއް ވެގެން މިއަދު ހެނދުނު 7:50 ހާއިރު އެ ލޯންޗް ފުންކޮށްފައިވާ ކަމަށެވެ.