24 Jan 2015, 00:59
މިހާރު ސިސްޓަމުގައި ތިބި، ޑިޕްލޮމާ ސަނަދަށްވުރެ ދަށް ސަނަދު ތަކުގެ ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ކިޔެވޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީގެ އިސްނެގުމުގެ މަތީން ގައުމީ ޔުނިވާސިޓީން ހަމަޖައްސައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޓީޗަރުންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި ތަފާތު ހަ ދާއިރާއަކުން ސްޕެޝަލައިޒް ވެވޭ ގޮތަށް 'ޑިޕްލޮމާ އިން ޓީޗިން' މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް އެމިނިސްޓްރީ އިން ބުންޏެވެ.
އެޑިއުކޭޝަނުން ބުނީ ޓީޗަރުން ކިޔެވުމަށް ހުޅުވާލި ދާއިރާތަކަކީ އިސްލާމް، ދިވެހި، ގުރުއާން، އާލީ ޗައިލްޑްހުޑު އެޑިއުކޭޝަން، ހެލްތު އެންޑު ޕީއީގެ އިތުރުން ކްރިއޭޓިވް އާޓްސް ކަަމަށެވެ.
ސަރުކާރުން މިފަހަރު ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިން އިރު ޑިޕްލޮމާއަށްވުރެ ދަށް ސަނަދުތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް "އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް" ގެ ނަމުގައި އަސާސީ މުސާރައިގެ 20 ޕަސެންޓު ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި އެއީ ޑިޕްލޮމާ ސަނަދުތަކާއި އެކު މަސައްކަތް ކުރައްވާ ޓީޗަރުންނަށް ހަމަޖެއްސި "އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް" 15 ޕަސެންޓު އަށްވުރެއް ފަސް ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެޑިއުކޭޝަނުން ބުނީ އެގޮތަށް ހަމަޖެއްސެވީ އެފަރާތްތަކަށް ކިޔެވުމަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށެވެ.
ޔުނިވާސިޓީން، ޓީޗިން ޑިޕްލޮމާ ސަނަދަކަށް ކަނޑައަޅުއްވާފައިވާ ކޯސްފީ 6360 ރުފިޔާގެ ޖުމުލަ 25 ޕަސެންޓު ޑިސްކައުންޓެއް ސުކޫލުގައި މަސައްކަތް ކުރަމުން ޓީޗިން ޑިޕްލޮމާ ސަނަދަށް ކިޔެވުމަށް ދީފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މިިހާރު ގައުމީ ޔުނިވާސިޓީން ހުޅުވާލާފައިވާ ޓީޗިން ޑިޕްލޮމާ ސަނަދަށް ސުކޫލުތަކުގެ ޓީޗަރުން ދައްކަން ޖެހެނީ 4770 ރުފިޔާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ. އެއީ މަހަކަށް 397.50 ރުފިޔާ އެވެ.
އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައި ވަނީ މިއަހަރުގެ ނިޔަލަށް ދަށް ވެގެން ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލްނުކުރާ ޓީޗަރުން ވަޒީފާއިން ވަކި ކުރާނެ ކަމަށެވެ.