23 Jan 2015, 23:59
ހަރާމެއް ހަލާލެއް ބެލުމެއްނެތި ޒުވާނުން ބޭނުންވާހައި ކަމެއް ކޮށްދީ ޒުވާނުން ބޭނުންވާހައި އެއްޗެއް ހޯދައިދޭކަށް ނުޖެހޭ ކަމަށް ޝެއިހް އާދަމް ޝަމީމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި މިރޭ ފެށި "ދަ މެސެޖު"ގެ ފުރަތަމަ ދަރުސް ދެއްވަމުން ޝަމީމް ވިދާޅުވީ "ހަރާމެއް ހަލާލެއް ބެލުމެއް ނެތި ޒުވާނުންނަށް އެމީހުންގެ ޒުވާންކަން ހިމާޔަތް ކުރުމަށް ބައެއް މީހުން މަސައްކަތް ކުރަމުންދާ" ކަމަށެވެ.
"ގައުމުގެ އެންމެ ފޯރިގަދަ އަދި ކިއެއްތަ އެންމެ ކުލަ އަލި އިވެންޓުގެ ގޮތުގައި ދީނީ ދަރުހަކަށް ވުރެން މާ އަހައްމިޔަތުކަން ދީގެން ނުބައި ކަންކަން ރާވާފައި އެކުދީން [ޒުވާނުންނަށް] ދައުވަތު ދިނީމަ ދެން ކިހިނެއްތޯ ވާނީ. އެކުދީން ނުހުއްޓުވޭނެ. އިލްމުވެރިންނާ ދިމާލަށް އިނގިލި ދިއްކުރިމާ ވާކަމެއް ނޯންނާނެ. އިލްމުވެރިންނަކީ ހަމައެކަނި ބަޔާންކޮށްދޭ ބައެއް،" ޝެއިހް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ދިވެހިންގެ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ކުރެވޭނީ އެމީހެއްގެ މަސްއޫލިއްޔަތު އެމީހެއް އަދާކޮށްގެން ކަމަށެވެ. ކޮންމެ މީހެއްގެ ވެސް ޒިންމާއެއް އޮންނަ ކަމަށާއި ކަމެއް ގޯސްވާއިރަށް ވަކި މީހެއްގެ ބޮލުގައި އެކަން އެޅުވުމުގެ ބަދަލުގައި އެންމެންވެސް އެކަމަށް އިސްނަގައި އެމީހެއްގެ މަސްއޫލިއްޔަތު އެމީހަކު އަދާ ކުރުމުން އެކަންތައްތައް އިސްލާހުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެކުދިންނަށް ބޭނުންވާނެ ދެއްތޯ ނަމާދު ކުރާނެ ތަނެއްވެސް. އެކުދިންނަށް ބޭނުންވާނެ ނަމާދު ކުރާނެ މުސައްލައެއް ވެސް. މިސްކިތައް ދެވޭނެ ވަގުތު ނެތިއްޔާ އެފަދަ ތަންތާ ނަމާދު ކުރާނެ ތަންތަންވެސް ހުންނަންޖެހޭނެ ނުވަތަ އެފަދަ އިންތިޒާމްތައް ހަމަޖައްސަދޭން ޖެހޭނެ. އެކަމަކު އަޅުގަނޑުމެންގެ ބައެއް މީހުންނަށް ހީވަނީ ތިމަންނައަކީ ކުޅިވަރާ ބެހޭ މީހާއޭ ތިމަންނަ އެހެންވީމަ ކުޅިވަރުކަންތަކޭ ކުރާނީ، އެއީ ހަލާލު ވިއަސް ހަރާމްވިއަސް އެއީ ތިމަންނައާ ބެހޭ ކަމެއް ނޫނޭ އިސްލާމިކް މިނިސްޓްރީގެ ކަމެކޭ އެކަން ހަލާލުތޯ ނުވަތަ ހަރާމްތޯ ކަނޑައެޅުމަކީ. މިއީ އެއް އިސްލާމުންގެ އުސޫލުކަމަށް ކަނޑައަޅައިގެން ނުވާނެ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ޒުވާނުން ބޭނުންވާ އެއްޗެއް އެބައިމީހުންނަށް ދީ އެބައިމީހުން ބޭނުންވާ ކަމެއް އެބައިމީހުންނަށް ކޮށްދިނުމަކީ "ޕިއޯ ވެސްޓަން ތިންކިންއެއް" ކަމަށެވެ. އަދި އެކަން މި ދިވެހި މުޖުތަމައުގެ އެންމެންވެސް ގަބޫލުކުރާ ކަމަށް ޝެއިހްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ، އެފަދަ ކަންކަމަކީ "ސީދާ ލާދީނީ ސަރުކާރުތަކުގެ ވިސްނުން" ކަމަށެވެ. ބޭރުގެ މި ވިސްނުމުގައި ދިވެހިން ހިފައިފި ކަމަށްވާނަމަ މިގައުމު ނަގަހައްޓަން އުނދަގުވާނެ ކަމަށްވެސް ޝެއިޚް ވިދާޅުވި އެވެ.

"ގައުމާ މެދު އަހަރެމެންގެ މަސްއޫލިއްޔަތު" މި މައުޟޫގެ ދަށުން ދަރުސް ދެއްވަމުން ޝަމީމް ވަނީ ޓޫރިސްޓު އެރައިވަލް ކައުންޓްޑައުން ޝޯއަށް ރާއްޖެއިން ބޭރުން މީހުން ގެނެސްގެން ޝޯ ބާއްވާފައިވާތީ އެކަމާ ދެކޮޅަށް ވާހަކަފުޅުދައްކަވައިފައެވެ.
"ކާފަރު ބަބުރެއް ގައުމަށް އެރުވީމާ އޭނަ ބަލަންވެގެންް އެތަނަަށް ޖަމާވި މީސްތަކުން ރޭގަނޑު ނުވައެއް ޖަހާއިރު ފެށޭ ޝޯއަކަށް އަޞުރުފަހުން ފެށިގެން ކިއު ހަދާފައި. ކުޑަކުދިންތައް ވެސް ގޮވައިގެން ބައެއް މީހުން އަނެއްބައި މީހުން އާއިލާއާ އަނބިދަރިން ދޫކޮށްލާފައި. މަޣުރިބު ނަމާދު ދިޔައީ، އިޝާ ނަމާދު ދިޔައީ. ހުރިހާ ނަމާދެއް އަޅާފައި ގޮސް އެ ޝޯގައި ބައިވެރިވާންވެގެން. އަޅުގަނޑުމެންގެ ތެރެއިން އެތަނަށް ދިޔަ އެންމެހާ މުސްލިމުންނަށް ވެސް އެނގޭ އެމީހާއަކީ އަދި ކާފަރުންގެ ތެރިއިންވެސް އާންމު އާދައިގެ ފަރުދެއް ނޫން. ހުރިހާ ފާހިޝް ކަންތައްތަކާއި މުންކަރާތްތަކުގެ ބަފައެއް،" ޝެއިހްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، އެކަމުގެ ސަބަބުން އެނގިގެން ދިޔައީ މިިގައުމުގެ ޒުވާނުން އެގޮތަށް އުޅެން މިއަދު ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގައި ދިމާވާ އެހެން ކަންތައްތަކުގައި ހިޔާލު ތަފާތުވި ނަމަވެސް "އެ ފާހިޝް އަމަލުގައި އެންމެން އެކަމަށް އިއްތިފާގުވި" ކަމަށެވެ.
މިފަދަ ކަންތައްތަކުގައި ގައުމުގެ އިސް ފަރާތްތަކުންނާއި އިލްމުވެރިންނާ ބެލެނެވެރިން ވެސް އެމީހެއްގެ މަސްއޫލިއްޔަތު އެމީހަކު އަދާ ކުރަންޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
މިރޭގެ ދަރުސް އަޑު އެހުމަށް ގިނަ އަދަދެއްގެ އާންމުން ކާނިވާ ސަރަޙައްދަށް ޖަމާވި އެވެ. އަދި ދަރުސް ނިންމާލީ އަންނަ މަހުގެ 20ވަނަ ދުވަހު "ދަ މެސެޖު" ގެ ދަރުސްތަކުގެ ތެރެއިން ދެވަނަ ދަރުސް އޮންނާނެކަން އިއުލާން ކުރުމަށްފަހު އެވެ.