23 Jan 2015, 23:10
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަހްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ސައުދީ އަރަބިއްޔާ އަށް ފުރައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޒު ޢަލީ މިރޭ ސަން އަށް ވިދާޅުވީ، ދިވެހި ސަރުކާރުގެ އެންމެ މަތީފެންވަރުގެ ވަފުދެއް ސައުދީއަށް މިރޭ ފުރާފައި ވަނީ، ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު ހުކުރު ވިލޭރޭގެ މެންދަމުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ރައްދުކުރެއްވުމަށާއި ސައުދީގެ އާ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދަށް މަރުހަބާ ދެންނެވުމަށް ކަމަށެވެ.
ސަޢުދީ އަށް މިރޭ ފުރާވަޑައިގެންނެވި ސަރުކާރުގެ މަތީފެންވަރުގެ ވަފުދުގައި ނައިބުރައީސް ޑރ. ޖަމީލުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
ސައުދީގެ އާ ރަސްގެފާނު، އަބްދުﷲ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދަށް ރައީސް މިއަދު ވަނީ، ތައުޒިއްޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ. ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ސައުދީ ރަސްގެފާނު އަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އެމަނިކުފާނުގެ ނަންފުޅުގައި ސައުދީގެ ރަސްގެފާނަށާއި ގަނޑުވަރުގެ ބޭފުޅުންނަށް ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.
ސައުދީ ރަސްކަމަށް 2005 ވަނަ އަހަރު އިސްވެވަޑައިގެންނެވި އަބްދުﷲ ރަސްގެފާނު އަވަހާރަވީ ނިއުމޯނިޔާގެ އާލާސްކަންފުޅަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިޔާޟްގައި ހުންނަ ކިންގް އަބްދުލްޢަޒީޒް މެޑިކަލްސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް ރޭ މެންދަމު އެކެއްޖަހާ އެހާކަންހާއިރު އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.
އަބްދުﷲ ރަސްގެފާނުގެ ހަށިކޮޅު ފަސްދާނުލާފައި ވަނީ މިއަދުގެ ޢަޞުރު ނަމާދަށް ފަހު ރިޔާޒުގެ އަލް-އުދު ގަބުރުސްތާނުގަ އެވެ.