23 Jan 2015, 21:06
ވިލިމާލެއިން ފުރައިގެން މާލެއަށް ދަތުރުކުރި އެމްޓީސީސީ ފެރީއެއްގެ އިންޖީނު ރޫމް ދިޔަވެ ފެރީ ހުއްޓިއްޖެ އެވެ.
'ސަން' އަށް މައުލޫމާތު ދެމުން ފެރީގައި ހުރި މީހަކު ބުނީ، މިރޭ 8:30 އެހައިކަންހާއިރު ވިލިމާލެއިން ފުރައިގެން އަންނަނިކޮށް ގިނައިރުތަކެއް ނުވެ ފެރީ ހުއްޓުނީ އިންޖީން ރޫމަށް ދިޔަވުމުން ކަމަށެވެ.
އޭނާ ބުނީ އިންޖީން ރޫމްގެ އިތުރުން އެހެން ބައިތައް ވެސް ދިޔަވެފައިވާ ކަމަށާއި، އިތުރު ދެ ފެރީއެއްގައި މީހުން މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"ދެ ފެރީއެއްގައި މީހުން މާލެ ގެންދިޔުމުގެ މަސައްކަތް މިހާރު އެފެށީ. ފެރީގައި ހުރި ހުރިހާތަކެތި އެހެން ފެރީތަކަށް ބޭލުމުގެ މަސައްކަތް ވެސް އެބަކުރޭ،" ފެރީގައި ހުރި މީހަކު ކިޔައިދިނެވެ.
ފެރީގައި ތިބި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި ބޮލަށް އެނބުރުން އަރައިގެން އެއް ކުއްޖަކު ފެރީތެރެއަށް ވެއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެމްޓީސީސީގެ ސީއީއޯ އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ ފެރީން ދަތުރުކުރި އެންމެން މިހާރު މާލެ ގެނެސްފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ ފެރީ ކަފު ޖަހައިގެން ކޯޓުގާޑުގެ އެހީތެރިކަމާ އެކު ވިލިމާލެއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.