ރާއްޖެ ޓީވީގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތަހުގީގުގައި ފުރިހަމަނުވެ ހުރި ކަންކަން ފުރިހަމަ ކުރުމަށްފަހު އަލުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ މިދިޔަ އަހަރު ޕީޖީއަށް ފޮނުވުމުން މައްސަލަ ދިރާސާކުރުމަށްފަހު އެ އޮފީހުން ވަނީ ތަހުގީގުގައި ބައެއް ކަންކަން އިތުރަށް ފުރިހަމަ ކުރަންޖެހޭތީ އެކަންކަން ފުރިހަމަ ކުރުމަށް އަލުން ފުލުސް އޮފީހަށް ފޮނުވާފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިރޭ 'ސަން' އަށް ވިދާޅުވީ، ދެވަނަ ފަހަރަށް ފުލުހުން ފޮނުވި އެ މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިއަންނަނީ އެ މައްސަލަ ދިރާސާ ކުރަމުން،" ޕީޖީ މުހުތާޒު ވިދާޅުވި އެވެ.

ބީކޭޓީ ބިލްޑިންގްގައި ހުންނަ ރާއްޖެ ޓީވީގެ އިމާރާތުގައި ދެހާސް ތޭރަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަތިހު 4:42 އެހައިކަންހާއިރު ހުޅުޖެހުމުގެ ސަބަބުން އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި ރާއްޖެ ޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.

ފުލުހުން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެ ޓީވީގައި ހުޅުޖެހުމުގެ ތުހުމަތުގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ 35 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.

އެ މީހުންގެ ތެރޭގައި ހ. ފަށަންގެއިން ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކުގައި ހިނޭ އަދި މިހާރު މަސްތުވާތަކެތީގެ އެ މައްސަލައިގައި 10 އަހަރުގެ ޖަލުހުމެއް ތަންފީޒު ކުރަމުން އަންނަ ހ. ގަސްވާ، މުހައްމަދު މީއާދު ވެސް ހިމެނެއެވެ.